އިންޑިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމަށް ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރު އަތުވެދާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ. ނަމަވެސް މިހާތަނަށް މިކަމާމެދު ވާހަކަ ނުދައްކައި ހުރި ކުރީގެ ދުނިޔޭގެ އެންމެ މޮޅު ބެޓްސްމަން ވަނީ ވާހަކަ ދައްކައިފަ އެވެ.
އިންޑިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމު ހުސްވީ އުމުރުން 70 އަހަރު ވުމުން ކުރީގެ އޯލް ރައުންޑަރު ރޮޖާ ބިނީ މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމެވުމުންނެވެ.
މިއާއެކު ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން އިންޑިއާގެ އައު ރައީސް ހޮވުމަށް އިންތިހާބު ބާއްވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
މިކަމާ ގުޅޭ ގޮތުން ޓެންޑުލްކަރުގެ ކުންފުނި އެސްއާރްޓީ ސްޕޯޓްސް މެނޭޖުމަންޓް ޕްރައިވެޓް ލިމިޑެޓުން ބުނީ މިފަދަ އެއްވެސް މަގާމަކަށް އޭނާގެ ޝައުގުވެރިކަން ނެތް ކަމަށެވެ.
"އަހަރުމެންގެ ސަމާލުކަމަށް ވަނީ އައިސްފައި ވަރަށް ގިނަ ފަރާތްތަކުން ޓެންޑުލްކަރު މި މަގާމަށް ވަޑައިގެންފާނެ ކަމަށް ބުނެ ރިޕޯޓްތައް ގެނެސްދޭތީވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް އެކުލެވޭ ކަމެއް ނޫން. އަހަރުމެން މި ފަދަ ކަމެއް ހިނގާނަމަ އެކަން އެންމެނަށް ވަރަށް ސާފުކޮށް ބުނެދޭނަން،" ކުންފުނީގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.
އިންޑިއާގެ ކުރީގެ ކެޕްޓަން އަދި 2013 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއަށް ކާމިޔާބުކޮށްދިން ޓެންޑުލްކަރަކީ އިންޑިއާގެ ކްރިކެޓްގެ އެންމެ މަގުބޫލު ތަރިއެވެ.