ޔުއެފާ ޗެމްޕިއަންސް ލީގުގެ މެދުތެރެއިން ކުޅުންތެރިން ބަދަލުކުރަން ޔޫރަޕުގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާއިން އެއްބަސްވެއްޖެއެވެ.
ޓިރާނާގައި ބޭއްވި އެ ޖަމާއަތުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް އަނިޔާވެ ނުވަތަ ބައްޔެއް ވެގެން ދިގު މުއްދަތަކަށް ނުކުޅެ ހުންނަން ޖެހިއްޖެނަމަ ޓީމު ލިސްޓުގައި ބަދަލުގައި އައު ކުޅުންތެރިއަކު ޖަހަން ފުރުސަތު ދިނުމަށެވެ. އެކަމަކު އެއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ފިޔަވަހީގައި ކުޅެން ޖެހޭ އަށް މެޗުގެ ތެރެއިން ހަ ވަނަ މެޗުގެ ކުރިން އެފަދަ ކަމެއް ދިމާވެއްޖެނަމަ އެވެ.
މީގެ ކުރިން ކުޅުންތެރިއަކު ބަދަލު ކުރަން ޔޫއޭފާއިން ފުރުސަތު ދެނީ ހަމައެކަނި ގޯލްކީޕަރަށް އަނިޔާވެގެން އެކަންޏެވެ.
ނަމަވެސް ކުރިއަށް އޮތް މުބާރާތާއެކު ކީޕަރު ނޫން އެހެން ކުޅުންތެރިން ބަދަލު ކުރަން ހުއްދަދޭން ޔޫއޭފާއިން ނިންމީ ސަބަބުތަކެއް އޮވެގެންނެވެ.
"މި ބަދަލު ގެނައި އެންމެ މުހިންމު ސަބަބަކީ އެއްވެސް ޓީމެއްގެ ލިސްޓު ބޭއިންސާފުން ކުޑަވިޔަ ނުދިނުން. އަދި މިފަދަ ކަންކަމުގެ ސަބަބުން އެހެން ކުޅުންތެރިން އުފުލަންޖެހޭ ވޯކްލޯޑް ކުޑަކުރުން،" ޔޫއޭފާގެ ބަޔާނުގައިވެ އެވެ.
މި އަހަރުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް އަންނަ ހަފުތާގައި ފަށާނެ އެވެ. މުބާރާތަށް ހުސްވި ސީޒަނުގައި ގެނައި ބަދަލުތަކާއެކު ކުރިއަށްވުރެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވަނީ އުނދަގޫވެފަ އެވެ. އެއީ ކުޅެންޖެހޭ މެޗުތައް ވެސް އިތުރުވުމުންނެވެ. މިއާއެކު ޔޫއޭފާއިން ވަނީ މުބާރާތުން ޓީމުތަކަށް ލިބޭ ފައިސާގެ އަދަދު ވެސް އެތައް ގުނައެއް ބޮޑުކޮށްދީފަ އެވެ.
ޗެމްޕިއަންސް ލީގާއެކު ޔޫއޭފާއިން ދަނީ އިތުރު ދެ މުބާރާތެއް ވެސް ބާއްވަމުންނެވެ. އެއީ ޔޫރޮޕާ ލީގާއި ޔޫއޭފާ ކޮންފަރެންސް ލީގެވެ. މި ދެ މުބާރާތުގައި މި ބަދަލު ތަންފީޒު ކުރާނެ އެވެ.