ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާ ގުޅޭ ޤަރާރުން ފަލަސްޠީން ރައްޔިތުންނަށް ސުލްހައާއި އިންސާފް ޤާއިމްކުރުމަށް މުހިންމު ފިޔަވަޅެއް އެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާގުޅޭ ގަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމަށް ތާއީދުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ގަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ. މިޤަރާރަށް ތާޢީދުކުރަން އދގެ މެންބަރު 142 ޤައުމުން ވަނީ ވޯޓު ދީފައެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިގަރާރަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ޖަވާބުދާރީވުން ކަށަވަރުކުރުމަށް މުހިންމު ޤަރާރެއްކަމަށާއި މިއީ ފަލަސްޠީން ރައްޔިތުންގެ ސުލްހައާއި އިންސާފް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއިން ތާޢީދުކުރަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.