ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން" ފާސްކުރުމަށް ދިވެހިރާއްޖެއިން ތާއިދުކޮށްފިއެވެ.
މި ޤަރާރު ބަލައިގެންފައިވަނީ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ. "ނިއުޔޯކް ޑެކްލެރޭޝަންއަކީ، މި އަހަރުގެ ޖުލައި މަހުގެ 28 އިން 30އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.
މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި މި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 142 ޤައުމުގެ ތާއީދާއެކުގައެވެ. ޤަރާރާ ދެކޮޅަށް 10 ޤައުމުން ވޯޓުދީފައިވާއިރު 12 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ފަލަސްޠީނުގައި މިނިވަން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައިވެއެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.
ޢަރަބި ލީގުން މި ޤަރާރަށް މީގެ ކުރިން ތާއީދުކޮށްފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި އދގެ މެންބަރު 17 ޤައުމަކުން އެ ޤަރާރުގައި ސޮއިކޮށްފައިވެއެވެ. މި ޤަރާރު ބަލައިގަންނަން ފާސްކޮށްފައި މި ވަނީ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ ޢާންމު ބައްދަލުވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ އިޢުލާނު ކުރައްވައިފައެވެ. އޭގެ އިތުރުން މޮލްޓާއާއި ކެނެޑާއާއި އިނގިރޭސިވިލާތާއި ބެލްޖިއަމުން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ.