ކުޅިވަރު

އިންޑިއާ - ޕާކިސްތާން މެޗުގެ ޓިކެޓު ނުވިކިގެން 1200 ރުފިޔާއަށް ހެޔޮކޮށްފި


އޭޝިއާ ކަޕުގައި އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗުގެ ޓިކެޓޔ ނުވިކިގެން އަގުހެޔޮކޮށްފިއެވެ. ދުބާއީގައި 8 ގައުމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތުގައި މި ދެ ގައުމު ބައްދަލުކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.

މި މެޗުގެ ޓިކެޓެއް ކުރިން ވިއްކަން ނިންމާފައި އޮތީ 475 ދިރުހަމަށެވެ. އެއީ ރާއްޖޭގެ ފައިސާއިން ބަލާނަމަ 1992 ރުފިޔާ އެވެ. ނަމަވެސް މިހާރު ޓިކެޓްތައް އަގުހެޔޮކޮށް ވިއްކަން ނިންމާފައިވަނީ 350 ދިރުހަމް ނުވަތަ 1258 ރުފިޔާ އަށެވެ.

މުބާރާތުގެ އޮގަނައިޒަރުން ޓިކެޓް އަގުހެޔޮ ކުރަން ނިންމީ މެޗުގެ ވަގުތު ކައިރިވަމުންދާއިރު ޓިކެޓްގެ ބޮޑުބައެއް ނުވިކި ހުރުމުންނެވެ. މި މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބެމުންދިޔަ ނަމަވެސް މުބާރާތް ބާއްވާ ގައުމުގައި އަދި މާބޮޑު ސަމާލުކަމެއް ނެތް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

އަދި މި މެޗު ބަލަން އިންޑިޔާ އާއި ޕާކިސްތާނުން ދުބާއީ އަށްދާ ފަރާތްތައް ވެސް މަދެވެ. މޫގެ އެންމެ މުހިންމު އެއް ސަބަބަކީ ޓިކެޓްގެ އަގު ބޮޑުވުމެވެ. އަދި ދުބާއީގައި ތިބި ދެ ގައުމުގެ ސަޕޯޓަރުން ވެސް ޓިކެޓް ގަތުމަށް އެހާބޮޑު ސަމާލުކަމެއް ދީފައި ނުވަނީ ޓިކެޓް އަގުބޮޑުވުމުން ޓީވީ މެޗު ބަލަން އިސްކަން ދިނުމުގެ ގޮތުންނެވެ.

އޭޝިޔާ ކަޕުގައި އިންޑިޔާ ވަނީ މިހާތަނަށް އެއް މެޗު ކުޅެފަ އެވެ. އިންޑިޔާގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ޔޫއޭއީ އަތުން މޮޅުވީ 9 ވިކެޓުންނެވެ. ޕާކިސްތާން ކުޅެން ޖެހޭ ފުރަތަމަ މެޗު އޮންނާނީ މިއަދު އޮމާނާ ދެކޮޅަށެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ޔޫއޭއީ އާއި އޮމާނެވެ. ގްރޫޕް ބީގައި ހިމެނެނީ ބަނގްލަދޭޝް އާއި އަފްގާނިސްތާން އަދި ލަންކާ އާއި ހޮންކޮން އެވެ.

މުބާރާތުގެ ދެ ވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.