ވިޔަފާރި

ގެޓްސެޓް ޕްރޮގްރާމްގެ ދެވަނަ ބުރެއް ފަށަނީ


ޒުވާނުން ވިޔަފާރީގެ ދާއިރާގައި ކުރިއަށް ގެންދެވުމަށް ސަރުކާރުން ހުޅުއްވާލެއްވި ގެޓްސެޓް ޕްރޮގްރާމްގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ، ގެޓްސެޓް ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރައްވުމަށް، އެ ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ގެޓްސެޓްގެ ދެވަނަ ޕްރޮގްރާމް ފެއްޓެވުމަށް ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވަނީ މި ޕްރޮގްރާމް ހިންގުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ފެށި ވިޔަފާރިތަކަށް މިއީ ފެށުމެއް ކަމަށާއި އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލައި އެހީތެރިވެވަޑައިގަތުމަށް އެމަނިކުފާނުގެ މިނިސްޓްރީ ވަރަށް ގާތުގައި އޮންނާނެކަމަށާއި ޒުވާނުންނަކީ ރިސްކު ނަގާ ރިސްކު ނަގަންކެރޭ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި ރާއްޖެ އެކިދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން، މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ހޯދާ ކުރިއެރުންތަކަށް މަގުދައްކައިދޭ ބާރު ޒުވާނުންގައި އެބަހުރިކަމަށެވެ.

img:http://s1.psmnews.mv/images/660x400/14711606534497.jpg|ބައްދަވުމުގައި ބައިވެރިވި ޒުވާނެއްގެ ވާހަކަ މިނިސްޓަރ އަޑުއައްސަވަނީ / ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ބޭންކްތަކުންވެސް ޒުވާނުންގެ އަތުގައި ހިފައިގެން ކުދި ވިޔަފާރިތައްވެސް ކުރިއަރުވަންޖެހޭކަމަށެވެ. އެގޮތުން މިހާރުވެސް ބޭންކްތައް މޯޓިވޭޓްކޮށްދެނީ ރާއްޖޭގެ ޒުވާނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަމަށް ތަޢުރީފްކުރައްވައި، މިފަދަ ލޯންތަކުގެ ބޭނުމަކީ ދިވެހި ޒުވާނުން ވިޔަފާރީގައި އެމްޕަވަރ ކުރުންކަމުގައި ވިދާޅުވިއެވެ.

"މިފަދަ ލޯނުތަކަކީ ޖުމްލަ ގޮތެއްގައި ދިވެހި ޒުވާން ވިޔަފާރިވެރިންނަށް ޓާރގެޓްކުރުން. ބޭނުމަކީ ދިވެހި ޒުވާނުން ވިޔަފާރީގައި އެމްޕަވަރ ކުރުން. ޒުވާނުންނަކީ ވަރަށް ކްރިއޭޓިވް ބައެއް. އަޅުގަނޑުމެންގެ ޓާރގެޓަކީ ރައީސްގެވެސް އަދި ސަރުކާރުގެވެސް ވިސްނުމަކީ ދިވެހި ޒުވާނުންގެ ބިނާކުރުވަނިވި ވިސްނުންތައް ވިޔަފާރިއަށް ޓްރާންސްލޭޓްކުރުން." މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގެޓްސެޓް ޕްރޮގްރާމްގެ ބައިވެރިންކަމުގައި ހިމެނޭ ގިނަ ޒުވާނުން ބައިވެރިވިއެވެ. އަދި އެފަރާތްތަކަށް ވިޔަފާރީގައި ލިބިފައިވާ ކާމިޔާބީ ފާހަގަކޮށް، ވަނީ އެވާހަކަތައް ޙިއްޞާކޮށްފައެވެ.