ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ގައުމީ ފުޓްބޯޅަ ޓީމުން ޓްރޮފީއެއް ހާސިލުކުކުރިއިރު، މިއީ ކުރިއަށް ހުރި ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް ފުޓްބޯޅަ ކުރިން އޮތް ހިސާބަށް ގެންގޮސްދިނުމުގެ ފަށައިގަތުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖެ ހޯދި ކާމިޔާބީއަށްފަހު ޓްރޮޕީއާއެކު ރާއްޖެ އައި ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައިގެން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޠާރިޤު ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތެއްގައި ތައްޓެއް ނުލިބި 7 އަހަރު ފާއިތުވެގެން ދިޔައިރު، ރާއްޖޭގެ ފުޓްބޯޅަވެސް ލީގު ނެތި ހުއްޓިފައި އޮތުމާއި، އެފްއޭއެމްގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކަށްފަހު ރައްޔިތުން އަދި ސަޕޯޓަރުންގެ ވަރަށް ނާއުންމީދީ ދުވަސްތަކަކަށްފަހު މިއީ އެފްއޭއެމްގެ މަސައްކަތް އަލަށް ފަށައިގަނެވުނު ވަގުތުގައި ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.
"ފުޓްބޯޅަ މިދިޔަ ހިސާބަށް ބަލާއިރު ދުވަސްކޮޅެއް ނަގާނެ މުޅި އެއްކޮށް ނޯމަލް ޕްރޮސެސްއަށް ގެންނަން. އެކަމަކު އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކުރިއަށް ހަފުތާއެއްގެ ތެރޭގައި ލީގު ފަށައިގެން އަދި އަތޮޅު މުބާރާތްތަކާއި ހިސާބަށްގޮސް ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް ހިސާބަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތަށް ވަރަށް މުހިންމު މޮޅެއް އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ މި ތައްޓާއެކު" ޠާރިޤު ވިދާޅުވިއެވެ.
ގައުމީ ޓީމެއްގެ ނަތީޖާ ބިނާވާނީ އެ ގައުމެއްގެ ލީގު ސިސްޓަމްވެސް ހިނގާ ގޮތަކުން ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ. މި ފަހަރު ބޯޅަ ނުކުޅެ ވަރަށް ގިނަ ދުވަސްތަކެއް ދިޔުމަށްފަހު މި ނަތީޖާ ލިބިގެން ދިޔަސް، ހަގީގަތުގައި އެ ގައުމެއްގެ ނުވަތަ އެ ޓީމެއްގެ ފެންވަރު އެނގިގެންދާނީ ވާދަވެރި ރަނގަޅު ލީގެއް ކުޅުމަށްފަހު، އޭގެފަހުން ގައުމީ ޓީމެއް އުފެދިގެންދިޔުމުން ކަމަށް ޠާރިޤު ވިދާޅުވިއެވެ.
ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އެބަހުރިކަން ފާހަގަކުރެވިގެން ދިޔަ ކަމަށާއި، ފިޒިކަލް ފިޓްނަސް އާއި ކަންކަން ރަނގަޅުވެގެންދާނީ ލީގު ފެށުމުން ކަމަށް ޠާރިޤު ވިދާޅުވިއެވެ. އަދި މިހާރު ގައުމީ ޓީމުގެ ކޯޗަށް އިތުރު ކުޅުންތެރިން ފެންނާނީވެސް ލީގު ކުޅެވިގެން ދިޔުމުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ޕްރިމިއަރ ލީގު ރަނގަޅަށް ފެށި، ސީޒަން ރަނގަޅަށް ކުޅެވެމުންދާއިރު، ދެން ގައުމީ ޓީމުގެ ޓެމްޕޯވެސް އަދި މުބާރާތްތަކުގެ ނަތީޖާތައްވެސް ރަނގަޅުވެގެންދާނެ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
މި އަހަރު ގައުމީ ޓީމުގެ ތިން މެޗު ކުރިއަށް އެބައޮތް ކަމަށާއި، އެ ތިން މެޗުގައިވެސް ގައުމީ ޓީމުގެ ހެޑް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އާއެކު ކާމިޔާބު ހޯދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.