ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތައް ހިންގުމަށް، އަލް އަސްރު ޖަމްޢިއްޔާއާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި އަލް އަސްރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހްއެވެ.
އެއް އަހަރު ދުވަހަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، އަލް އަސްރުގެ ފަރާތުން ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތައް ކުރިއަށްގެންދިއުމުގެ އިތުރުން ދީނީ ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ސެޝަންއެއްގައި 15 ކުދިންނަށް ބައިވެރިވެވޭނެއެވެ. އެ ކްލާސްތަކުގައި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމްޢިއްޔާގެ ފަރާތުންނެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސޮއިކުރެވުނު މި އެއްބަސްވުމަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އަމާޒެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.