ދިވެހިންނާއިއެކު ވަރަށް އުޚުއްވަތްތެރި ގުޅުމެއް ބޭއްވުމަށް، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހައިކޮމިޝަނަރ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޕާކިސްތާން ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަންގައި ބޭއްވި ޙަފްލާއަށްފަހު ޕީ.އެސް.އެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ސައްޔަދް ޚާވާރް އަލީ ޝާހް ވިދާޅުވީ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި ވަރަށް ގާތް އުޚުވަތްތެރި ގުޅުމެއް ބާއްވަން ބޭނުންފުޅުވާކަމަށެވެ.
"ރާއްޖޭގައި އާއްމުކޮށް އުޅޭނީ ޕާކިސްތާނު ޑޮްކްޓަރުންނާއި ބޭންކަރުން. އެމީހުންގެ ކިބައިން އަޅުގަނޑު އެދެނީ ޕާކިސްތާނުގެ މަންދޫބުންގެ ގޮތުގައި ދިވެހިންނަށް ދެވެން އޮތް ހުރިހައި ޚިދްމަތެއް ދޭން. އުޚުއްވަތްތެރި ގާތްގުޅެމެއް ބާއްވަން. ދިވެހިންނަށް ޕާކިސްތާނު މީހަކާއި ދިމާވުމުން އެއީ އަމިއްލަ މީހެއްގެ ގޮތުގައި އިހްސާސް ކުރެވޭހާ ބަދަހި ގުޅުމެއް ބޭއްވުމަށް. އަދި ދިވެހިންނާއި ދިވެހި މުޖުތަމައަށް ބޭނުންވާ އެންމެހައި ޚިދްމަތެއް ދިނުމަށް އަޅުގަނޑު އެމީހުންނަށް މިއަދު ގޮވާލަން. އަދި މުނާސަބަތުގައި ދިވެހިންނަށް ބުނެލަން އޮތީ ތިދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ވަކިން ޚާއްޞަކޮށް އދ އާއި ކޮމަން ވެލްތުގެ ފޯރަމްތަކުގައި ދެމުންގެންދާ އެއްބާރުލުމަށް ވަރަށް ބޮޑު ޝުކުރެއް ސަރުކާރަށް ރައްދު ކުރަން" ހައިކޮމިޝަނަރ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14711580045401.jpg|ޕާކިސްތާން ޑޭ ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވަނީ ބައިނަލް އަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ކޮމަންވެލްތާއި އ.ދގެ ނިޒާމްގެ ތެރެއިން ދިވެހި ސަރުކާރުން ޕާކިސްތާނަށް ދެއްވާ އެއްބާރުލުމާއި އަދި ދިވެހިން ވެސް އެކި އެކި މުނާސަބު ވަގުތުތަކުގައި ޕާކިސްތާނު ރައްޔިތުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުން މިކަމުގެ އަގު ވަޒަންކޮށް ދިވެހިންނާއެކު ގާތް ގުޅުންތަކެއް ޤާއިމް ކުރުމަށް ހައިކޮމިޝަނަރ ގޮވާލެއްވިއެވެ.
ޕާކިސްތާނުގެ ހަތްދިހަ ވަނަ މިނިވަން ދުވަސް ނުވަތަ ޕާކިސްތާން ޑޭ ފާހަގަ ކުރުމުގެ ގޮތުން ޕާކިސްތާން އެމްބަސީގައި ބޭއްވި ޙަފްލާގައި ހައިކޮމިޝަނަރ ވަނީ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ތަޤްރީރެއް އިއްވަވާފައެވެ. ރާއްޖޭގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ޕާކިސްތާނު ރައްޔިތުން ބައިވެރިވި މިޙަފްލާގައި މުނިފޫހިފިލުވުމުގެ އައިޓަމްތަކާއި ޕާކިސްތާން ކެއުމާއި، އާއިލީ ކޭކު ފެޅުން އޮތެވެ.