ބ.އޭދަފުށީ ކުލަބު ކޮމްބިނޭޝަން ސްޕޯޓްސް ކުލަބު (ސީސީ) 9-4 ގެ ނަތީޖާއަކުން ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ކްލަބް މޯލްޑިވްސް 2025 ގެ ކިންގްސް ކަޕް މުބާރާތް ކާމިޔާބުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އާރްއާރްސީން ފުރަތަމަ ހާފުގައި ބޮޑު ލީޑެއް ނެގި އެވެ. އެ ގޮތުން، ފުރަތަމަ ހާފު ނިންމާލިއިރު، އާރްއާރްސީން އޮތީ ހަތަރު ގޯލު ކުރީގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އިބްރާހިމް އަސްވަދު، އަލީ ޝާމިސް، އީރާނުގެ މޮހްސެން މޮންތަޒޭމީ އަދި ޝަނާން ރަޝާދު އެވެ.
ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ސީސީން ކުރިއަށް ޖެހިގެން ކުޅެ، ގާތްގާތުގައި ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އުނައިސް ޒުބެއިރު އާއި އަޔާޒް އަހުމަދު އެވެ.
ދެ ވަނަ ހާފުގައި އާރްއާރްސީގެ ލަނޑުތައް ޖެހީ އަހުމަދު އަފްލާޒް ހިލޭ ޖެހުމަކުން ގޯލަކާއި، ޝަނާން ދެ ލަނޑާއި އަބްދުﷲ ޔާމީން އައި އިބްރާހިމް ޝަރީފް ވަނީ ގޯލެއް ޖަހައިފަ އެެވެ. ޝަނާން ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. ޝަނާން އަކީ ކިންގްސް ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ.
ސީސީގެ ފަހު ދެ ލަނޑަކީ ދުރު ޕެނަލްޓީން މުހައްމަދު ފާސިރު (ފާއްޓޭ) ޖެހި ދެ ގޯލެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، އާރްއާރްސީގެ ގޯލްކީޕަރު، މުހައްމަދު ލުފްޝާން އެވެ. މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ، "ސަލްޓަން" އަކީ އާރްއާރްސީގެ އަސްވަދެވެ.
އަދި އެންމެ މޮޅު ކޯޗަށް ދޭ މާސްޓާ އޮފް ސަލްޓަންގެ އެވޯޑް ލިބުނީ، އާރްއާރްސީގެ ކޯޗު އިސްމާއިލް ޝަރީފްއެވެ.