ސިއްހަތު

ސްޕެޝަލިސްޓް ޑޮކްޓަރުން އަތޮޅުތަކަށް ފޮނުވުމުގެ 2ވަނަ ޕްރޮގްރާމް


ސުޕަރ ސެޕްޝަލިސްޓް ޑޮކްޓަރުންނާއި، ސްޕެޝަލިސްޓް ޑޮކްޓަރުން އަތޮޅުތަކަށް ފޮނުއްވުމުގެ ދެވަނަ ޕްރޮގްރާމް ނިމި މުޅި ރާއްޖެ ކަވަރުކުރެވިއްޖެކަމަށް އާސަންދަ ކޮމްޕެނީން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހަތަރު ހާހަށްވުރެ ގިނަ ބަލިމީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އާސަންދަ ކޮމްޕެނީން ވިދާޅުވެއެވެ. އާސަންދަ ކޮމްޕެނީން ހާމަކުރާ ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ ކަރުން މައްޗާއި، ކަށީގެ އިތުރުން ނާރުގެ ބަލިތަކުގެ ޑޮކްޓަރުންނަށެވެ. ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ތިންސަތޭކަ ނުވަދިހަ ހަތްމީހުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވެއެވެ. އާސަންދަ ކޮމްޕެނީން ވިދާޅުވީ، މި ޕްރޮގްރާމް ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ބަދަލުތަކަކާއެކުގައި ކަމަށެވެ. އެގޮތުން ދެން ޑޮކްޓަރުން ފޮނުއްވުމަށް ހަމަޖެހިފައިވަނީ، އެރަށަކުން ނުވަތަ އަތޮޅަކުން އެދުމުން ކަމަށް އާސަންދަ ކޮމްޕެނީން މައުލޫމާތުދެއްވައެވެ.

img:http://s4.psmnews.mv/images/660x400/14710959951151.JPG|ސްޕެޝަލިސްޓް ޑޮކްޓަރެއް ބަލި މީހެއް ބައްލަވަނީ

މި ޕްރޮގްރާމްގެ ތެރެއިން މިއަހަރުގެ މެއިމަހުގެ ނިޔަލަށް ރާއްޖެއިން ބޭރުން 59 ޑޮކްޓަރަކު ރާއްޖެއަށް ޒިޔާރަތްކޮށް ބަލި މީހުން ބައްލަވާފައިވެއެވެ.

ރާއްޖޭގައި މިހާރު ލިބެން ނެތް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން އަތޮޅުތަކަށް ފޮނުއްވުމުގެ ފުރަތަމަ ޕްރޮގްރާމް މިދިޔަ އަހަރު ނިމުނުއިރު، ހަހާހަށްވުރެ ގިނަ ބަލިމީހުން ބައްލާފައިވެއެވެ. މި ޕްރޮގްރާމްގެ ތެރެއިން ދިވެހިންގެ ތެރޭގައި މައިބަދައިގެ މައްސަލަތަކާއި ކަރުންމަތީގެ ބަލިތަކަށް ދައްކާ ބަލިމީހުންގެ އަދަދު ގިނަކަން ފާހަގަކުރިފައިވާ ކަމަށް އާސަދަން ކޮމްޕެނީން ހާމަކުރައްވައެވެ. 

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި އަށްޑިހަ ތިން ޑޮކްޓަރުން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ތަފާތު 18 ދާއިރާއަކުން ޑޮކްޓަރުން ގެނެސްފައިވާއިރު، އޭގެތެރޭގައި ކިޑްނީގެ ބަލިތަކާއި، ކެންސަރާއި، ލޭގެ ބަލިތަކާއި ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނިވަޑައިގެންނެވިއެވެ.