ޚަބަރު

ކުރީގެ ވަޒީރު މަޚުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި


  • މަޚުލޫފްވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ޚިދުމަތް ކުރައްވާފައި

  • އެމްޑީޕީން އޭނާއަށް ތާއީދުކޮށް ދެއްވި ހުރިހާ މެންބަރުންނަށް މަޚުލޫފްވަނީ ޝުކުރު އަދާކުރި

އެމްޑީޕީ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޚްލޫފް ދިވެހިރައްޔިތުންގެ ޑިމޮކްރެޑިކް ޕާޓީ، އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީން ވަކިވުމަށް އެދިވަޑައިގެން މަޚްލޫފް ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައިވަނީ އެމްޑީޕީގެ މެންބަރު ކަމުން ވަކިވެވަޑައިގަންނަވަން ބޭނުންވާތީ ޕާޓީން ވަކިކޮށްދެއްވުމަށް އެދިވަދައިގެންފައެވެ.

މަޚުލޫފްގެ ސިޓިގައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ އެކަން ފާހަގަ ކުރަައްވައި ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން އެމްޑީޕީގެ މެންބަރުންގެ ތެރެއިން މަޚުލޫފަށް ތާއީދުކޮށްދެއްވި ހުރިހާ މެންބަރުންނަށް މަޚްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމާމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ މެންބަރުންްގެ ކިބައިން މަޚުލޫފްވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

މަޚުލޫފް ސިޔާސީ ދާއިރާއަށް ނިކުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީންނެވެ.
މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގައެވެ.