ޚަބަރު

ސަޢުދީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި


  • ރާއްޖޭގެ ފަރާތުންވަނީ އެޔުނިވަރސިޓީއަށް ޚާއްސަ ހަނދާނީ ލިޔުމެއް އަރުވާފައި

  • މިއީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވި

ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވަރސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި ޔުނިވަރސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާއި ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއީ ދެޤައުމުގެ އަޚްވަންތަ ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަމެއްކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތްކަމަށެވެ.

ވަޒީރު ވަނީ އިމާމް މުޙައްމަދު ބިން ސަޢުދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް ޢަރަބިކް ސައިންސްއިން ދެއްވި އަގުހުރި މިހަދިޔާއަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި އިމާމް މުޙައްމަދު ބިން ސަޢުދު އިސްލާމިކް ޔުނިވަރސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާ ވަނީ ވާހަކަ ދައްކަވާފައެވެ.

މީގެއިތުރުން އެޔުނިވަރސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުންވަނީ އެ ޔުނިވަރސިޓީއަށް ޚާއްސަ ހަނދާނީ ލިޔުމެއް އަރުވާފައެވެ.

މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.