ޚަބަރު

މާދަމާ ހަވީރު 4 އިން ރޭގަނޑު 9އަށް ބްރިޖުގެ އެއް ފަޅި ބަންދު ވާނެ!


  • ބްރިޖުގެ އެއްފަޅި ބަންދުކުރަނީ އެއާޕޯޓް ފުލް-ސްކޭލް އިމަރޖެންސީ އެކްސަސައިޒްއާ ގުޅިގެން

  • އެއަރޕޯޓު ރަންވޭ ވެސް 1 ގަޑިއިރަށް ބަންދުކުރާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެދާނެ އިމަރޖެންސީ ހާލަތަކަށް ތައްޔާރުވުމަށް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަރޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުން ބަޔެއް ބަންދު ކުރަން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ އެފެކްސް އޮޕަރޭޝަނަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ހަވީރު 4 އިން ރޭގަނޑު 9އަށް ބަންދު ވާނެ ކަމަށެވެ. މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން ވެލާނާ އެއަރޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުކުރި ނަމަވެސް، ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެއަރޕޯޓު ފުލް ސްކޭލް އެކްސަސައިޒަކީ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން ކޮންމެ 3 އަހަރަކުން އެއްފަހަރު ކޮންމެ އެއަރޕޯޓަކުން ހަދަން ލާޒިމް ކުރާ އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި އެއަރޕޯޓުގެ ހުރިހާ ޚިދުމަތެއް ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބަލައި އެހެން ހުރިހާ މުޢައްސަސާއަކާއި ގުޅިގެން ކުރެވޭ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތައް ވަޒަން ކުރާނެއެވެ.

މި އެކްސަސައިޒުގައި އެއަރޕޯޓުގެ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމާއި ގުޅޭ ހުރިހާ އިދާރާއަކުން ބައިވެރިވާނެއެވެ. މީގެތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭގެ ހޮސްޕިޓަލްތަކާއި ސިޓީ ކައުންސިލުގެ އިތުރުން ކަމާއި ގުޅޭ މުޢައްސާތަކާއި ވުޒާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަކާތްތެރިވާނެއެވެ.

ވެލާނާ އެއަރޕޯޓުގައި ފުލް ސްކޭލް އެކްސަސައިޒެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ މީގެ 3 އަހަރު ކުރިން 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން އައު ޓަރމިނަލް ހުޅުވި ގިނަ ޚިދުމަތްތަކަށް ބަދަލުއައިސްފައިވާއިރު، މިއީ އެއަރޕޯޓަށް އިތުރުވި ވަސީލަތްތައް ވަޒަން ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.