ނަޕޯލީއާއެކު މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމުދުން އެކުލަބުގެ ދަނޑުގައި ކުޅުމަކީ ބިރުވެރި ކަމެއް ކަމަށް މި ސީޒަނުގައި ނަޕޯލީ އަށް ބަދަލުވި ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑިބްރޭނާ ބުނެފި އެވެ.
އޭނާ އަކީ ފާއިތުވެދިޔަ 10 އަހަރު ސިޓީ އަށް ކުޅެ އެންމެ ފަހުޖް އެ ކުލަބުގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ. އުމުރުން 34 އަހަރުގައި އޭނާ ސިޓީ ދޫކޮށްލީ އެ ކުލަބުގެ ސްކޮޑް ޒުވާން ކުރަން ފަށައި ކޮންޓްރެކްޓް އާ ނުކުރުމުންނެވެ.
"އިޓަލީ އަށް ބަދަލުވެ އަހަރެން އަދި މި ކުޅުނީ އެންމެ ދެ މެޗު. މިހާ އަވަހަށް ސިޓީގެ ދަނޑަށް ގޮސް އެ ކުލަބާ ދެކޮޅަށް ކުޅުމަކީ ދަތިކަމެއް. މިއީ ބިރުވެރިކަމެއް. ހަގީގަތުގައި ސިޓީ އަކީ އަހަރެންގެ ކުލަބު. އެކަން ބަދަލެއް ނުކުވާނެ. އެމީހުންނާ ދެކޮޅަށް ކުޅެން އަހަރެންނަށް އުނދަގޫވާނެ،" ޑިބްރޭނާ ބުންޏެވެ.
އޭނާ ބުނީ ފާއިތުވެދިޔަ 10 އަހަރު ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީގައި އޭނާ ކުޅުނު ކުޅުމާއި ނަޕޯލީގައި ކޯޗު އެންޓޯނިއޯ ކޮންޓޭއާއެކު ކުރާ މަސައްކަތް ވަރަށް ތަފާތު ކަމަށެވެ.
"މިތަނުގައި ވަރަށް ޓެކްޓިކަލް ގޭމެއް ކުޅެނީ. ގާޑިއޯލާގެ ކޯޗުކަމުގައި އަހަރެން ކުޅުނީ މުޅިން ތަފާތުކޮށް. އިޓަލީގެ ފުޓްބޯޅަ ސިސްޓަމް ވަރަށް ތަފާތު،" ޑިބްރޭނާ ބުންޏެވެ.
އޭނާ އަދި ބުނީ ޗެމްޕިއަންސް ލީގުގައި ނަޕޯލީ އާއި ސިޓީ ވާދަކުރަން ޖެހުނު ހިސާބުން އޭނާ އަށް އެންމެ ފުރަތަމަ ވެސް ވިސްނުނީ އެ މެޗުގައި ނަފްސާނީ ގޮތުން ކުރިމަތިވާނެ އުނދަގޫތަކަށް ކަމަށެވެ.