ޚަބަރު

ރަށު ފަތުރުވެރިކަމަށް ލުއި ލޯނެއް، ކުރިމަތިލާން ހުޅުވާލައިފި


  • 5،000،000 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

  • ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ދުވަސްދޭނެ

ރަށު ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ޚާއްސަ ލުއި ލޯނެއް ތަޢާރަފުކޮށް، އެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން، އެސްޑީއެފްސީން ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ވިދާޅުވީ "ތިޖާރާ ރަށު ފަތުރު"ގެ ނަމުގައި ތަޢާރަފުކުރި މި ލޯން ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ޝަރިއްޔާގެ އުޞޫލުން ލޯނުދިނުމަށް އުފެއްދި ސްކީމެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސް އިމާރާތްކުރުމަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ތަފާތު ވިޔަފާރި ހަރަކާތްތައް ހިންގުމަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށް އެސްޑީއެފްސީން ވިދާޅުވިއެވެ.

މީގެ އިތުރުން ގެސްޓްހައުސް މަރާމާތުކޮށް ނުވަތަ އިމާރާތް އިތުރަށް ކުރިއެރުވުމަށާއި ގެސްޓްހައުސްގައި ރެސްޓޯރަންޓް، ކެފޭ ނުވަތަ ވޯޓަރ ސްޕޯޓްސްފަދަ ފަތުރުވެރި ހަރަކާތްތައް ފެށުމަށާއި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރިއެރުވުމަށް ވެސް ލޯން ދޫކުރާނެކަމަށް އެސްޑީއެފްސީން ވިދާޅުވިއެވެ.

އެސްޑީއެފްސީން މިހާރު ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ލޯނަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ލޯން ސްކީމްގެ ދަށުން 5،000،000 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. މި ލޯން ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ދުވަސްދޭއިރު، ލޯން ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޑީއެފްސީން ވިދާޅުވީ ފައިނެންސިން ރޭޓްގެ ގޮތުގައި އަހަރަކު 9.5 އިންސައްތަ ދައްކަންޖެހޭނެ ކަމަށެވެ. އަދި ރަހުނެއް ދައްކަންޖެހޭނީ ލޯނަށް ނަގައި ފައިސާ ނުވަތަ ޖުމުލަ އެކްސްޕޯޝަރ 700،000 ރުފިޔާއަށްވުރެ މަތިވާނަމަކަމަށްވެސް އެސްޑީއެފްސީން ވިދާޅުވެއެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްޑީއެފްސީ އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކުން އަންނަނީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.

އެސްޑީއެފްސީން މިހާރު ދަނީ ތަފާތު 8 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ފަތުރުވެރިކަން، ކޮމާސް، މަސްވެރިކަން، ދަތުރުފަތުރު، އުފެއްދުންތެރިކަމެވެ. މީގެއިތުރުން އިމާރާތްކުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއިންވެސް އެސްއެމްއީ ބޭންކުން ދަނީ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ. ނަމަވެސް މި ކުންފުނީގައި ސަރުކާރުން އޮންނަ ހިއްސާ، ބޭންކު އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި ކުންފުނި ބީއެމްއެލްއަށް ވިއްކާލުމުގެ މަޤުޞަދަކީ ބީއެމްއެލްގެ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގައާއި ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުމެވެ.