ދުނިޔޭގެ އެކި މުބާރާތްތަކުގެ ޗެމްޕިއަނުން ވާދަކުރާ ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ ފަށައިފިއެވެ.
މިއީ ފޯ ސީޒަންސްއިން މި މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. މި ފަހަރުވެސް ފޯ ސީޒަންސްއިން ވަނީ ރާއްޖޭގެ ރާޅާއެޅުންތެރިޔަކަށް ފުރުސަތު ދީފައެވެ. އެއީ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުން ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ އިސްމާޢީލް ރަޝީދު (ސްމައިލީ) އެވެ.
މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ފޯ ސީޒަންސް ރިސޯޓް ކުޑަ ހުރާގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒެވެ.
ދުނިޔޭގެ ޗެމްޕިއަނުންނަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ ރާޅާއެޅުންތެރިޔާ އިސްމާޢީލް ރަޝީދު (ސްމައިލީ) ގެ އިތުރުން ދެން ވާދަކުރާނީ ފްރާންސްގެ މިޝެލް ބައުރޭޒް އާއި، ބްރެޒިލްގެ ޖެސީ މެންޑޭޒް އާއި، އޮލިމްޕިކް ގޭމްސްއިން ލޯ މެޑެލް ހޯދާފައިވާ އޮސްޓްރޭލިއާގެ އޮވެން ރައިޓް އާއި، ކްރޭގް އެންޑަސަންގެ އިތުރުން ޒުވާން ތަރި ސިއެރާ ކެރްއެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 11 ދުވަހުގެ ނިޔަލަށް ފޯ ސީޒަންސް މޯލްޑިވްސް ކުޑަ ހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާއަޅާ ސަރަހައްދުގައެވެ. މި އަހަރުގެ މުބާރާތްވެސް ކުރިއަށްދަނީ ތިން ކެޓެގަރީއަކުންނެވެ. އެއީ ސިންގަލް ފިން، ޑަބަލް ފިން އަދި ތުރަސްޓާއެވެ. މި މުބާރާތުގެ ޗެމްޕިއަނަށް 25،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.