ކުޅިވަރު

ބައިސްކަލް ދުއްވަނިކޮށް އެންރީކޭގެ ކޮނޑު ކަށިގަނޑު ބިނދިއްޖެ


ބައިސްކަލް ދުއްވަނިކޮށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭގެ ކޮނޑު ކަށިގަނޑު ބިނދިއްޖެ އެވެ.

މި އަނިޔާގެ ސަބަބުން ވަގުތުން އޭނާ ހޮސްޕިޓަލަކަށް ގެންދިޔައީ އިމަޖެންސީގަ އެވެ. ނަމަވެސް ކޯޗު ޓީމާ ދުރުގައި ހުންނާނެ މުއްދަތެއް ކުލަބުން ނުބުނެ އެވެ. އެންރީކޭ ޓީމާ ދުރުގައި ހުންނަން ޖެހޭ ގޮތްވީ މި އަނިޔާގެ ސަބަބުން އޭނާގެ ކަށިގަނޑު އޮޕަރޭޝަން ކުރަންޖެހޭތީ އެވެ.

ނަމަވެސް ކުލަބުން ބުނީ ކޯޗުގެ ހާލު ރަނގަޅު ކަމަށާއި ކާމިޔާބު އޮޕަރޭޝަނަކަށް އެދޭ ކަމަށެވެ. އަދި އަލުން ފުޓްބޯޅައިގައި ޝާމިލްވެ އުޅުމަށް ކޯޗަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެ ކުލަބުން ދޭނެ ކަމަށެވެ.

ލުއިސް އެންރީކޭ އަކީ ހުސްވި ސީޒަނުގައި ޕީއެސްޖީ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާދީފައިވާ ކޯޗެކެވެ. މި ގޮތުން އޭނާ ވަނީ ފުރަތަމަ ފަހަރަށް އެ ކުލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި އޭނާ ވަނީ މި އަހަރު ބޭއްވި ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެސް ޓީމު ގެންގޮސްދީފަ އެވެ.

ސްޕޭނަށް އުފަން ކޯޗު ވަނީ މީގެ ކުރިން ސްޕޭނުގެ ބާސެލޯނާ އަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދާދީފަ އެވެ. ޕީއެސްޖީ އަށް އައުމުގެ ކުރިން އޭނާ ވަނީ ސްޕޭނުގެ ގައުމީ ކޯޗުކަން ވެސް ކޮށްފަ އެވެ.