ޚަބަރު

އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިން


  • އަހަރުގެ މިހާތަނަށް 1،496،563 ފަތުރުވެރިން އައިސްފައިވޭ

  • އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 803،437 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް ހިފާފައިވާ އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،496،563 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އެހެންކަމުން މި އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 803،437 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރަށް ހިފާފައިވާ އަމާޒު ހާސިލްކުރުމަށް މިއަހަރުގެ ކުރިއަށް އޮތް 120 ދުވަސްތެރޭ ދުވާލެއްގެ މައްޗަށް 6،695 ފަތުރުވެރިން ރާއްޖެއަށް އަންނަން ޖެހެއެވެ.
ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަން ކަމަށްވާއިރު، ދުވާލެއްގެ މައްޗަށް މިއަދަދަށްވުރެ އިތުރަށްވެސް ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

• ޗައިނާ: 236،654ފަތުރުވެރިން
• ރަޝިއާ: 178،958 ފަތުރުވެރިން
• އިނގިރޭސިވިލާތް: 134،676ފަތުރުވެރިން
• އިޓަލީވިލާތް: 107،013 ފަތުރުވެރިން
• ޖަރުމަންވިލާތް: 103،342 ފަތުރުވެރިން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވައި އެ ޓާމިނަލުން ޚިދުމަތް ދޭން ފަށާފައިވާއިރު، އެކަމުގެ ހެޔޮ އަސަރު އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރެއެވެ. އެގޮތުން އަންނަ އަހަރު 2.4 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ އަންދާޒާކޮށްފައެވެ.