ޚަބަރު

ޗައިނާ ދަތުރުފުޅު: ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ


  • ޗައިނާގެ ރައީސާއި އެހެން ޤައުމުތަކުގެ ވެރިންނާ ރައީސް ބައްދަލުކުރެއްވި

  • ޗައިނާއާއި ރާއްޖެއާ ދެމެދު 11 ފަހުމުނާމާއެއްގައި ސޮއިކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން، އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ރަސްމީ ދެވަނަ ދަތުފުޅެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވައި
މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. މިމަޝްވަރާޓަކުގައި އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވަޢުދު އެޤައުމުގެ ރައީސްވަނީ ތަކުރާރުކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަޤްޞަދުގައި މުހިންމު އެގާރަ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން، އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޔާނެއް އިއްވަވަވާފައެވެ. އެބަޔާނުގައި ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރައްވައި، ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މި ސަމިޓުގެ ހަވާސާގައި ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެހެން ޤައުމުތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި ގުޅިގެން މަސައްކަތްކުރެއްވޭނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފައިވެއެވެ.

ޗައިނާ ދަތުރުފުޅުގައި ރައީސް ޝީދެއްވި ޖާފަތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވިކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވީ ބުރާސްފަތި ދުވަހުއެވެ.