ޚަބަރު

ތައިލެންޑް ސިޔާސީ ހަލަބޮލިކަމުގައި، ނުފޫޒުގަދަ ތަކްސިން ޤައުމު ދޫކުރައްވައި ވަޑައިގެންފި


ތައިލެންޑުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ނުފޫޒުގަދަ ކުރީގެ ބޮޑު ވަޒީރު، ތަކްސިން ޗިނަވާތު ޤައުމު ދޫކުރައްވައި ވަޑައިގެންފިއެވެ. އޭނާ ޤައުމު ދޫކުރައްވައި ވަޑައިގެންފައި މި ވަނީ ތައިލެންޑުގެ ދުސްތޫރީ ކޯޓުން މިދިޔަ ހަފްތާގެ ތެރޭގައި އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ތަކްސިންގެ ދަރިކަނބަލުން، ޕޭޓޮންގްޓާން ޗިނަވާތު މަޤާމުން ދުރުކޮށްފައި ވަނިކޮށެވެ. އަދި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން އައު ބޮޑުވަޒީރެއް ހޮވުމަށް ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީޚުގެ އެއް ދުވަސް ކުރިންނެވެ. އޭގެ އިތުރުން ކޯޓުން ބަލަމުންދާ ތަކްސިންއާ ގުޅުންހުރި މައްސަލައެއްގައި އަންނަ ހަފްތާގައި ހުކުމް ކުރުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހުކުމްކޮށްފި ނަަމަ އޭނާ ޖަލަށްލުން އެކަށީގެންވެއެވެ.

ތަކްސިން ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައި ވަނީ 2001ވަނަ އަަހަރުން ފެށިގެން 2006ވަނަ އަހަރާ ހަމައަށެވެ. 2005ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ އެއް އަހަރު ފަހުން އޭނާ ޤައުމުން ބޭރުގައި ހުންނަވަނިކޮށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އޭނާ މަޤާމުން ދުރުކޮށްފައެވެ. 2008ވަނަ އަހަރުގެ ތެރޭގައި ތައިލެންޑުގެ ކޯޓަކުން ވަނީ އޭނާ މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް އޭނާގެ ޣައިރު ހާޒިރުގައި ކަނޑައަޅައި އޭނާ އަށް އަހަރު ދުަވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

15 އަހަރު ދުވަހު ޤައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު ތަކްސިން ޤައުމަށް އެނބުރި ވަޑައިގަތީ އޭނާގެ ސިޔާސީ ޕާޓީ، ފިޔު ތައިއަށް ބާރު ލިބުމުންނެވެ. ޤައުމަށް އެނބުރި ވަޑައިގަތުމުން އޭނާ ވަނީ ވަގުތުން ހައްޔަރު ކޮށްފައެވެ. ނަމަވެސް ޞިއްޙީ ހާލުކޮޅު ގޯސްވުމާ ގުޅިގެން އޭނާ ވަނީ ހަސްފަތާލަށް ބަދަލުކޮށްފައެވެ. ޝާހީ މަޢާފަކަށް ފަހު ތަކްސިންގެ ހުކުމް ވަނީ އަށް އަހަރުން އެއް އަހަރަށް ކުރުކޮށްފައެވެ. ހަ މަސް ދުވަހު ހަސްތަފާލުގެ ވީއަޕީ ގޮތްޕެއްގައި އޮންނަވާ ހުކުމް ތަންފީޒުކޮށް، އޭނާ މިނިވަންވެވަޑައިގަތީ 2024ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޕެރޯލްގެ ދަށުންނެވެ. އަންނަ ހަފްތާގައި ކޯޓުން ގޮތެއް ނިންމާނީ ޖަލު ހުކުމުގެ ތަންފީޒީ މުއްދަތުގެ ގޮތުގައި ހަސްފަތާލުގައި އޮންނެވި މުއްދަތު ބެލިދާނެތޯއާ މެދުއެވެ.

މި ދަނޑިވަޅުގައި ތަކްސިން ތައިލެންޑު ދޫކުރައްވައި ފުރާވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު، ބެންކޮކުގެ ޑޮން މިއުއެންގް ވައިގެބަނދަރުންނެވެ. އޭނާ ދަތުރުކުރައްވާފައި ވަނީ ޕްރައިވެޓު ޖެޓެއްގައެވެ. އޭނާ ފުރާވަޑައިގެންނެވިއިރު ޤައުމު ދޫކޮށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ޔަޤީންކޮށްދެއެވެ. ލިބެންހުރި މަޢުލޫމާތުން އެނގޭ ގޮތުގައި އެ މަތިންދާ ބޯޓު ފުރަތަމަ މިސްރާބު ޖަހާފައި ވަނީ ސިންގަޕޫރާ ދިމާލަށެވެ. ނަމަވެސް ފަހުން އެ މަތިންދާބޯޓުގެ މިސްރާބު ވަނީ ބަދަލުކޮށްފައެވެ.

ތަކްސިންގެ ވަކީލު، ވިންޔަތު ޗަތުމޮންތުރީ ވިދާޅުވީ ތަކްސިން ޤައުމު ދޫކުރައްވައި ވަޑައިގެންނެވިކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. އަންަނަ ހަފްތާގައި އޮންނަ ކޯޓުގެ އަޑުއެހުމަށް ވަޑައިގަންނަވާނެ ކަމަށް ތަކްސިން މީގެ ކުރިން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.