ޚަބަރު

ޓައިނީ ހަރޓްސްގެ ޕެޓިޝަންގައި ސޮއިކޮށްގެން، ހިތުގެ ބަލިތަކަށް ވަކާލާތުކުރަން ރާއްޖެއަށް މުހިއްމު ފުރުޞަތެއް!


  • ޕެޓިޝަންތަކުގެ ތެރެއިން އެންމެ ގިނަ ސޮއި ލިބުނު 2 ވަނަ ޖަމްޢިއްޔާއަކަށް ޓައިނީ ހާޓްސް

  • ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ހިތު ދުވަހުގެ ގޮތުގައި

ގައިންގަޔަށް ނާރާ ބަަލިތަކަށް ޚާއްސަކޮށްގެން އދ. އިން މިއަހަރު ބާއްވާ ހައިލެވެލް ބައްދަލުވުމުގައި ހިތުގެ ބަލިތަކަށް ޚަރަދުކުރާ މިންވަރު މިހާރަށްވުރެ އިތުރުކުމަށް ވަކާލާތުކުރާ ދެވަނައަށް އެންމެ ގިނަ ސޮއި ލިބުނު ޕެޓިޝަނަކަށް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ޕެޓިޝަން ވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ހިތު ދުވަހުގެ ގޮތުގައެވެ. ވޯލްޑް ހާރޓް ފެޑަރޭޝަނުން މިދުވަސް ފާހަގަކުރަން ފެށިތާ މިއަހަރަށް 25 އަހަރު ފުރޭނެއެވެ.

މިއަހަރު އދ. އިން ބައްވާ ގައިންގަޔަށް ނާރާ ބަލިތަކަށް ޚާއްސަ ހައިލްވެލް ބައްދަލުވުމުގައި ހިތުގެ ބަލިތަކުގައި ފަރުވާ ދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމާއި ވަހާކާލާތު ކުރުމަށް ކުރާ ޚަރަދުތައް މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ވަކާލާތުކުރުމަށް ވޯލްޑް ހާރޓްސް ފެޑަރޭޝަނުން ވަނީ ނިންމާފައެވެ. މި ބައްދަލުވުމަކީ ދުނިޔޭގެ އެކި ދަޢުލަތްތަކުގެ ވެރިންނާއި ރައީސުން ބައިވެރިވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިކަމަށް ވަކާލާތުކުރުމަށް އެ ފެޑަރޭޝަނުން ވަނީ ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށާއި ހޭލުންތެރިކުރުމުގެ ވާހަކަތަކުގެ ތެރެއިން 10 ބައެއްގެ ވާހަކަތަކަށް ޕެޓިޝަން ތައްޔާރުކޮށް ސޮއި ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެކަން ކުރުމަށް ވޯލްޑް ހާރޓްސް ފެޑަރޭޝަން ޗޭންޖް އޯގް ކިޔާ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑެތި ޕެޓިޝަންތައް ތައްޔާރުކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނެސްދޭ ޖަމްޢިއްޔާއަކާއެވެ.

ވޯލްޑް ހާރޓްސް ފެޑަރޭޝަނުން އެކުލަވާލި ޕެޓިޝަންތަކުގެ ތެރެއިން އެންމެ ގިނަ ސޮއި ލިބުނު 2 ވަނަ ޖަމްޢިއްޔާއަކަށް ރާއްޖޭގެ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ކުރާ މަސައްކަތްތަކަށެވެ. ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ވަނީ އެއީ ކާމިޔާބީއެއްކަން ފާހަގަކޮށް މިއީ ބައިނަލްއަޤްވާމީ ގޮތުން ހިތުގެ ބަލިތަކަށް ވަކާލާތުކުރުމަށް ރާއްޖެއަށް ލިބޭނެ މުހިއްމު ފުރުޞަތެއްކަން ފާހަގަކޮށްފައެވެ. އެ ޖަމްޢިއްޔާއިން ވިދާޅުވީ އދ. ގެ ހައިލެވެލް ބައްދަލުވުމުގައި ވަކާލާތު ކުރުމަށް އެންމެ ގިނަ ސޮއި ލިބޭ ޕެޓިޝަނަށް ވުމަށްޓަކައި މަދުވަނީ ގާތްގަޑަކަށް 50 ސޮއެވެ.

"ރާއްޖެ މިވެވެނީ ބައިނަލްއަޤްވާމީ ގޮތުން ހިތުގެ ބަލިތަކަށް ވަކާލާތުކުރުމަށް ފުރުޞަތު ލިބޭ ޤައުމަކަށް އެހެންވެގެން މިކަމަށް ބޭނުންވޭ ގިނަ މީހުންގެ ސޮއި ހޯދަން. އަޅުގަނޑުމެން ބޭނުންވަނީ މި ޕެޓިޝަންއަށް ރާއްޖެއިން ވީހާވެސް ގިނަ ސޮއި ލިބުން" ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ޖީހާން މަހުމޫދު ވިދާޅުވިއެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއަކީ 2017 ވަނަ އަހަރުން ފެށިގެން ވޯލްޑް ހާރޓްސް ފެޑަރޭޝަންގެ މެމްބަރަކަށްވެފައެވެ. ޓައިނީ ހާޓްސްއިން ކޮންމެ އަހަރަކުވެސް އެ ފެޑަރޭޝަންއާ ގުޅިގެން ހިތުގެ ދުވަސް ފާހަގަކުރުމަށްޓަކައި ހެލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.