ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށްދޭ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025"އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025" ތަޢާރަފުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ.
މި އެވޯޑަކީ ވިޔަފާރީގެ ރޮގުން ޚާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު ބީ.ސީ.ސީ އިން ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ އެވޯޑެކެވެ. އެގޮތުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކާއި، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ. މި އެވޯޑާބެހޭ އުޞޫލު ބީސީސިން މިހާރު ވަނީ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.
އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީސީސީއިން އެކަމަށް ޚާއްޞަ ކޮށްފައިވާ އޮންލައިން ޕޯޓަލް (https://msme.bcc.mv) މެދުވެރިކޮށެވެ. އެކި ގިންތިތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 02ވަނަ ދުވަހުގެ 23:59އާ ހަމައަށެވެ.
ބީސީސީން ވިދާޅުވީ މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތައް އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި ހުޅުވާލެވިފައިވާ މި ފުރުސަތުގައި ވީހާވެސް ގިނަ ވިޔަފާރިތަކުން ބައިވެރިވުމަށް ބީސީސީން އެދިލައްވައެވެ.