ޚަބަރު

18/30 ކްލެސިކް: ޕްރިޒަން، އެމްއޭސީއެލް އަދި ހެލްތަށް ދެވަނަ މޮޅު


ކްލަބް މޯލްޑިވްސް 2025 ގެ އެއިޓީން ތާޓީ ކްލެސިކް މުބާރާތުގައި ހެލްތު ރެކްރިއޭޝަން ކުލަބާއި، ޓީމު އެމްއޭސީއެލް އަދި ޕްރިޒަން ކުލަބުން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

ކުލަބު މޯލްޑިވްސްއިން ބާއްވާ އަންހެން ޑިވިޝަންގެ ދެވަނަ ފަންތީގެ މުބާރާތުގައި މިފަހަރު ވާދަކުރަނީ 11 ޓީމަކުންނެވެ. ތިން ގްރޫޕަކަށް ބަހާލެވިގެން ކުރިއަށްދާ މިމުބާރާތުގައި ރޭ ވަނީ ތިން ގްރޫޕުގެ މެޗުތައްވެސް ކުޅެފައެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ޕްރިޒަން މޮޅުވީ ސްޓެލްކޯ ރެކްރިއޭޝަން އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕްރިޒަންގެ ލަނޑުތައް ޖަހައިދިނީ އައިޝަތު ޝަރުމާ އާއި އާމިނަތު ފަޒްލާއެވެ. މި މެޗުން ޕްރިޒަން މޮޅުވިއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ހުޅުމާލޭ ހޮސްޕިޓަލް ބަލިކޮށްފައެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ހުޅުމާލެ ހޮސްޕިޓަލުން ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލްގެ ލަނޑުތައް ޖަހައިދިނީ ހައްވާ ނިޝާމާ އާއި، ފާތިމަތު ޝިއުނާއެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. މި ނަތީޖާތަކާއެކު ދެ މެޗުން ހަ ޕޮއިންޓާއެކު ޕްރިޒަން އެއްވަނައިގައި އޮތްއިރު، އެ ޓީމަށް އަނެއް ބުރުގެ ޖާގަ ވަނީ ޔަގީންވެފައެވެ. އަދި އަނެއް ޖާގައަށް ވާދަކުރަނީ މި ވަގުތު ތިން ޕޮއިންޓާއެކު އޮތް ސްޓެލްކޯ އާއި ހުޅުމާލެ ހޮސްޕިޓަލްއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން ހެލްތު ވަނީ ޓީމު ބަދަހި އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުން ހެލްތު މޮޅުވިއިރު، ފުރަތަމަ މެޗުން އެ ޓީމު ވަނީ ޓީމު ދަރުމަވަންތަ އަތުން 8-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ރޭގެ މެޗުގައި ހެލްތުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފަލާހާ ހުސެއިންފުޅެވެ. މި ނަތީޖާއާއެކު ހެލްތަށްވެސް ވަނީ އަނެއް ބުރުގެ ޖާގައެއް ޔަގީންވެފައެވެ.

މީގެ އިތުރުން ގްރޫޕް ސީގައި އެމްއޭސީއެލްއިން ރޭ ވަނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި އެމްއޭސީއެލްގެ ކެޕްޓަން އާޒިނާ އަބްދުލް މަތީން ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖެހީ ފިރުޝާނާ ނަސީރެވެ. އަދި އެސްޓީއޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ އައިމިނަތު ޝަފްނާއެވެ. މި ނަތީޖާއާއެކު އެމްއޭސީއެލް އަނެއް ބުރުގެ ޖާގައެއް ހޯދިއިރު، އެ ޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ.

މި ގްރޫޕްގައި ރޭ ކުޅިވަރު ވުޒާރާ ކުލަބުން ވަނީ 6-0 ގެ ނަތީޖާއަކުން އޭސީސީ ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ. މި މެޗުގައި ކުޅިވަރު ވުޒާރާއަށް ލަނޑުތައް ޖަހައިިދިނީ ހަތަރު ލަނޑު ޖެހި އައިޝަތު އަބްދުލް ރައްޒާގާއި، ޝާނިޔާ އަޙްމަދު ނިޒާމް އަދި ހަދީޖާ ހަސަނެވެ.