ޚަބަރު

ގެވެށިއަނިޔާއާއި ދެކޮޅަށް ށ.އަތޮޅުގައި މަސައްކަތްކުރާނެ ގްރޫޕެއް


ގެވެށިއަނިޔާއާ ދެކޮޅަށް ށ.އަތޮޅުގައި މަސައްކަތްކުރާނެ ގްރޫޕެއް ކަނޑައެޅުއްވުމަށްފަހު އެ އަތޮޅުގައި ކުރިއަށްގެންދެވި މަސައްކަތު ބައްދަލުވުން ނިންމާލައްވައިފިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ށ. އަތޮޅު ފުނަދޫގައި މިމަހުގެ 5 ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ކުރިއަށްގެންދެވި މި މަސައްކަތު ބައްދަލުވުމަކީ އަތޮޅު ފެންވަރުގައި ބޭއްވެވި ބައްދަލުވުމެކެވެ.

މިއީ، ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެ ގޮތާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނެ ގޮތާ ބެހޭގޮތުން ށ.އަތޮޅުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތައް ތަމްރީނު ކުރެއްވުމަށް ބޭއްވެވި ވޯކްޝޮޕެއް ކަމަށް ށ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އެ އަތޮޅުގެ 13 ރަށަކުން ޖުމްލަ 32 ފަރާތެއް ބައިވެރިވި ކަމަށް އެކައުންސިލުން ވިދާޅުވެއެވެ. މީގެތެރޭގައި ޕޮލިސް، ކައުންސިލްތައް އަދި ޞިއްޚީ ދާއިރާގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.