ޚަބަރު

ޝަރުޢީ ދާއިރާގެ ޕަރފޯމަންސް މިދިޔަ އަހަރަށްވުރެ އިތުރުވެއްޖެ


މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު، ޝަރުޢީ ކޯޓުތަކުގެ ޕަރފޯމަންސް މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އިތުރުވެ ރަނގަޅުވެފައިވާކަމަށް، ޝަރުޢީ ދާއިރާގެ 2016 ވަނަ އަހަރުގެ ފުރަތަމަ 6މަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

ޝަރުޢީ ދާއިރާގެ 2016 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދަށުކޯޓުތަކާއި، ސުޕީރިއާ ކޯޓުތަކަށް ހުށައެޅުނު މައްސަލަތަކާއި، ކޯޓުތަކުން ނިންމެވި މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދަށު ކޯޓުތަކުން ނިންމެވި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، 9.4 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ދަށު ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަދަދުވެސް ވަނީ، 15.3 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ދަށުކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 15 އިންސައްތަ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށްވަނީ މަދުކުރެވިފައެވެ. މިއަހަރުގެ ޖޫންމަހާއި ހަމައަށް ދަށުކޯޓްތަކުގައި ނުނިމިހުރި މައްސަލަތަކުގެ 84 އިންސައްތައަކީ، އެކޯޓުތަކަށް ހުށައެޅުނުތާ އަހަރުނުވާ މައްސަލަތަކެވެ.

ސުޕީރިއާ ކޯޓުތަކަށް ބަލާއިރު، ސިވިލް ކޯޓަށް މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށައެޅި މައްސަލަތަކަށްވުރެ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަދަދުވަނީ، 45.6 އިންސައްތަ އިތުރުވެފައެވެ. މިމުއްދަތުގައި ސިވިލްކޯޓުން ނިންމެވި މައްސަލަތައް 36.1 އިންސައްތަވަނީ އިތުރުވެފައެވެ.

ފެމެލީ ކޯޓުގެ ޕަރފޯމަންސްއަށް ބަލާއިރު، އެކޯޓުން މައްސަލަތައް ނިންމެވި ނިސްބަތް މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހަށްވުރެ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ވަނީ 6.3 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 105.1 އިންސައްތަ ފެމެލީކޯޓުންވަނީ ނިންމަވާފައެވެ.

ކްރިމިނަލް ކޯޓަށް ބަލާއިރު، އެކޯޓަށް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ހުށައެޅުނު މައްސަލަތަކުގެ ނިސްބަތުން 55.7 އިންސައްތަ މައްސަލަ ނިންމަވާފައިވެއެވެ. ޖުވެނައިލް ކޯޓަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 41.2 އިންސައްތަ މައްސަލަ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. އަދި ޖުވެނައިލް ކޯޓުން ނިންމެވި މައްސަލަތައްވަނީ، 11.1 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުވެނައިލް ކޯޓަށް ހުށައެޅުނު މައްސަލަތަކުގެ ނިސްބަތުން 84.7 އިންސައްތަ މައްސަލަ އެކޯޓުން ނިންމާފައިވާއިރު، އެކޯޓުގައި އަހަރެއްވެ ނުނިމެނީ އެންމެ މައްސަލައެކެވެ.

124.5 މައްސަލަ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހަށްވުރެ އިތުރުވެގެން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެންމެ ގިނަ މައްސަލަ ހުށައެޅުނު ކޯޓަކީ، ޑްރަގްކޯޓެވެ. ކުރީ އަހަރުގެ ޖޫން މަހާއި، މިއަހަރުގެ ޖޫންމަހާ އަޅާބަލާއިރު، އެކޯޓުން ނިންމެވި މައްސަލަތައް ވަނީ، 22.5 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ ޖޫންގެ ނިޔަލަށް މިކޯޓުގައި އަހަރުވެ ނުނިމި ހުރީ 8.1 އިންސައްތަ މައްސަލައެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ޕަރފޯމަންސަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 7.7 އިންސައްތަ މައްސަލަ ކުރީއަހަރުގެ އެމުއްދަތާ އަޅާބަލާއިރު، އިތުރުވެ، މިއަހަރުގެ ޖޫންގެ ނިޔަލަށް މެޖިސްޓްރޭޓް ކޯޓުތަކަށް ހުށައެޅުނު މައްސަލަތަކުގެ ނިސްބަތުން 102.5 އިންސައްތަ ވަނީ ނިންމަވާފައެވެ. ޝަރުޢީ ކޯޓުތަކުގެ ޕަރފޯމަންސް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އިތުރުވެ ރަނގަޅުވެފައި މިވަނީ، ފާއިތުވެދިޔަ އަހަރު ޝަރުޢީ ދާއިރާގެ ކޭސް މެނޭޖްމަންޓް ރަނގަޅު ކުރެއްވުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓއަންޓް ލީގަލް އޮފިސަރ މަރިޔަމް ފާތިން ފާހަގަކުރެއްވިއެވެ.

މަދަނީ ޚިލާފްތައް އުފެދިގެން މީހުން ހުށައަޅާ މައްސަލަތައް އަވަސްވެގެން ދިޔުމަކީ، އޭގެ ސަބަބުން އިޤްތިޞާދީ ފައިދާއާއި އިޤްތިސާދީ ހަރަކާތްތައް އިތުރުވެގެންދާ ކަމަކަށް ވީ ހިނދު، އެފަދަ މައްސަލަތަކުގައި މެޖިސްޓްރޭޓް ކޯޓުތަކުން މިދިޔަ އަހަރު 5 މިލިޔަން ރުފިޔާ ނަންގަވައިދެއްވި ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނިވެސް 5 މިލިޔަން ރުފިޔާ ނަންގަވައިދެވިފައިވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.