ބްރައިޓަން އަތުން 2-1އިން މެންޗެސްޓާ ސިޓީ ބަލިވި މެޗުގެ ފުރަތަމަ އެއްގަޑިއިރު ވަންދެން އޭނާގެ ކުޅުންތެރިން ޕާސްކޮށް ރަނގަޅަށް ކުޅުނު ކަމަށާއި ފަހުން ޖެހީ ބޮޑުބޯޅަ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީގެ އެންމެ ކާމިޔާބު ކޯޗު ވިދިވިދިގެން ހަތަރު އަހަރު ވަންދެން އޭނާ ހޯދި ޕްރެމިއާ ލީގުގެ ތަށި މިދިޔަ ސީޒަނުގައި ގެއްލުމުން އަލުން އެ ތަށި ހޯދަން ކުރާ މަސައްކަތުގައި ރޭގެ ބައްޔަކީ ފާޑުކިއުން އަމާޒުވި ކަމެކެވެ.
ނަމަވެސް ގާޑިއޯލާ ބުނީ ޖުމުލަކޮށް މުޅި ޓީމުގެ މަސައްކަތް ރަނގަޅު ކަމަށެވެ.
"ފުރަތަމަ އެއް ގަޑިއިރު އަހަރުމެން ވަރަށް ރަނގަޅަށް ޕާސްކޮށްގެން ކުޅުނު. އެ މީހުން ޖެހި ގޯލާއެކު ދެން ފެނުނީ އަހަރުމެން މާ އަވަސް އަރުވާލިތަން. ދެން ރަނގަޅަށް ނުކުޅެވުނު. ޖެހީ ދިގު ބޯޅަތަކެއް. އަހަރުމެން ހަމަޖެހިގެން ކުޅެން ފުރުސަތު ލިބުނަސް ކުޅުންތެރިންނަށް މާ އަވަސް އަރުވާލައިގެން އުޅެވުނީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ގިނަ ކުޅުންތެރިންތަކެއް ބަދަލުކޮށް ސިޓީގެ ޓީމު ޒުވާން ކޮށްލުމުން މުޅި ޓީމު އަދިވެސް މުޅިން ހަމަނުޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ކުޅުންތެރިން ބަދަލުވެއްޖެ. އެހެންވީމާ އަލަށް އައި ކުޅުންތެރިން ޓީމަށް ހޭނެން ވަގުތު ނަގާނެ. ޓީމުގައި ތިބި ކުޅުންތެރިން އެބަޖެހޭ އަލަށް އައި ކުޅުންތެރިން ހާނުވަން މަސައްކަތް ކޮށްދޭން. ޖުމުލަކޮށް ނަތީޖާ ފިޔަވައި މެޗުގައި ގިނަ ކަންތައްތައް ރަނގަޅު. އަހަރުމެން ފުލް ފޯސްގައި ކުޅެ ނަތީޖާ ނެރެން ވަގުތު ނަގާނެ،" ކޯޗު ބުންޏެވެ.
އަނިޔާގެ ސަބަބުން ހުސްވި ސީޒަނުގައި އެއްކޮށް ނުކުޅެހުރި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ ޕެޑްރީގެ ކުޅުމާމެދު ގާޑިއޯލާ ހިތްހަމަ ޖެހުން ފާޅުކުރި އެވެ. އޭނާ ބުނީ ޕެޑްރީ ކުރީގެ ފޯމަށް އަންނަން ވަގުތު ބޭނުންވާ ކަމަށާއި ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ވެސް ދައްކާފައިވާ ކަމަށެވެ.