ޚަބަރު

އަބުރު ރައްކާތެރިކޮށްދިނުމުގެ ބިލު ރައީސް ތަސްދީޤް ކުރައްވައިފި


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤް ކުރައްވައިފިއެވެ. 

ރައީސުލްޖުމްހުރިއްޔާ މިބިލު ތަސްދީޤްކުރެއްވުމާއި ގުޅިގެން، މިޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ މިމަހުގެ ނުވަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤާނޫނެކެވެ. މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މިޤާނޫނުގައިވާ ގޮތުން އަބުރު ރައްކާތެރިކުރުމުގެ ބިލުގައި މީހެއްގެ އަބުރަށް އަރައިގަނެފިކަމަށް ޝަރުޢީ ކޯޓެއްގައި ސާބިތު ވެއްޖެނަމަ 25 ހާސް ރުފިޔާއާ 2 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި ފަރުދުންނަށް ރައްދުކޮށް ދައްކާ ވާހަކަ ރިޕޯޓްކުރުމުގައި، ވާހަކަ ރައްދުވާ ފަރާތުގެ ބަހެއް ނުލިބިއްޖެނަމަ، އެ ޙާލަތުގައި ޢަމަލުކުރެވޭނެ ގޮތްތަކެއްކަމުގައި، އެފަރާތާ ގުޅުމަށް އެކަށީގެންވާ މަސައްކަތެއްކުރުމަށްފަހު، އެ ޚަބަރެއް ރިޕޯޓް ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިދެއެވެ. އަދި ޚަބަރު ޝާއިޢުކުރާ ފަހުން، އެޚަބަރެއް ރައްދުވާ ފަރާތުން ރައްދެއް ޝާއިޢުކުރަން ބޭނުންވެއްޖެނަމަ، އެ ޚަބަރެއް ނުވަތަ ލިޔުމެއް އާންމުކުރި ފެންވަރުގައި އެފަރާތުންދޭ ރައްދުވެސް އާންމުކުރުމުގެ ފުރުޞަތުވެސް މިޤާނޫނުން ދެންޖެހެއެވެ. 

ވަގުތުން ގެނެސްދޭ އިވެންޓެއްގެ ތެރެއިން އަބުރަށް އުނިކަމެއް އަންނަފަދަ ވާހަކައެއް ނުވަތަ ކަމެއް ހިނގައިފިނަމަ އެކަން ޙައްލުކުރުމަށްޓަކައި އަދި އެ އިވެންޓެއް ޓެލެކާސްޓްކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލަންވާނެ ކަމަށާއި، އެފަދަ އިވެންޓެއް މެދުކަނޑާލަން ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން އަންގަވައިފިނަމަ ވަގުތުން ހުއްޓާލަންވާނެކަމަށް ޤާނޫނުގައިވެއެވެ. އަދި އެ އިވެންޓެއްގައި އެމީހެއްގެ އަބުރާބެހެވޭ މީހާ އެދިއްޖެ ޙާލަތެއްގައިވެސް އެ ފަދަ ކޮންޓެންޓެއް ހިމެނޭނަމަ، އެ އިވެންޓެއް ޓެލެކާސްޓްކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން މެދުކަނޑާލަންވާނެކަމަށްވެސް ޤާނޫނުގައިވެއެވެ.