ދީން

ޙައްޖަށް ދާ މީހުން ފުރާ ތާރީޚުތައް އިއުލާންކޮށްފި


އަމިއްލަ ޖަމަޢާތްތަކުގެ ޙަވާލުގައި ޙައްޖަށް ދާ މީހުން ފުރަން ހަމަޖެހިފައިވާ ތާރީޚުތައް އެޖަމާޢަތްތަކުން ހާމަކޮށްފިއެވެ.

މިއަހަރު އަމިއްލަ 5 ޖަމާޢަތަކަށް ޙައްޖަށް މީހުން ގެންދިއުމުގެ ޙުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދޫކުރައްވާފައެވެ. އަމިއްލަ ޖަމާޢަތްތަކުގެ ޙަވާލުގައި ޙައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 18، އަދި 23 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މީގެ ތެރެއިން ޒަޢީ ގްރޫޕާއި، އެކްރޯ ޕްރައިވެޓް ލިމިޓެޑާއި، އަލް ޙަރަމައިނި ޙައްޖު ގްރޫޕްގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުއެވެ. މިނާ ގްރޫޕްގެ ޙަވާލުގައި ޙައްޖަށް ދާމީހުން އަށާރަވަނަ ދުވަހުފުރަން ހަމަޖެހިފައިވާއިރު، ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި ޙައްޖަށް ދާ މީހުން ފުރަން ހަމަޖެހިފައިވަނީ މިމަހުގެ ތޭވީސް ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އަމިއްލަ ޖަމާޢަތްތަކުގެ ޙަވާލުގައި ޙައްޖަށް ދާ މީހުން ފުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމި ވިސާގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކުރައްވާފައިވަނީ މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑާ، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ އަދި އޭކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ.

img:http://s2.psmnews.mv/images/660x400/5349.jpg|ދިވެހި ޙައްޖާޖީންތަކެއް އެއަރޕޯޓްގައި - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ކޮންމެ ޖަމަޢާތަކަށް ދުއިސައްތަ ކޯޓާ އިސްލާމިކް މިނިސްޓްރީން ޙަވާލު ކުރައްވާފައިވެއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ޖަމާޢަތްތަކުން ބުނީ، ކަނޑައެޅިފައިވާ ތާރީޚުތަކުގައި ޙައްޖުވެރިން ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އަމިއްލަ ޖަމާޢަތްތަކުގައި ޙަވާލުގައި ދާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މެގަ މޯލްޑިވްސްއާއި، ޝްރީލަންކަން އެއާލައިންސްއާއި، ޤަތަރު އެއާވޭސް އަދި ސަޢުދީ އެއާލައިންސްގައެވެ.

ޒަޢީ ގުރޫޕްގެ ޙަވާލުގައި މުޅިއަކު ދުއިސައްތަ މީހުން ފުރުމަށް ހަމަޖެހިފައިވެއެވެ. ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި މުޅިއަކު ސަތޭކަ ނުވަދިހަ ތިން މީހަކު ފުރުމަށް ހަމަޖެހިފައިވާއިރު، އެކްރޯ ގްރޫޕްގެ ޙަވާލުގައި، ދުއިސައްތަ މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާނެއެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ޙައްޖަށް މީހުންގެންދާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ދުއިސައްތަ ބާވީސް މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު އެއް ހާސް މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާނެއެވެ.

ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިއަހަރު 2000 ކޯޓާ ސަޢުދީ ސަރުކާރުން ދެއްވާފައިވެއެވެ.