ޚަބަރު

ޣައިރު ޤާނޫނީ ކަންކަމަށް ހިތްވަރުދޭ އަމަލުތައް ދެން މަދުވާނެ


ޤާނޫނީ އޮނިގަނޑުން ބޭރުން، ޤައުމުގެ ވެރިކަން ބަދަލުކުރުންފަދަ ޣައިރު ޤާނޫނީ ކަންކަމަށް ހިތްވަރުލިބޭ ޢަމަލުތައް ހިންގުމާއި، އެފަދަ ކަންކަމަށް ގޮވާލުމުގެ ޢަމަލުތައް، "އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު" ގެ ސަބަބުން މަދުވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާ ވިދާޅުވީ، މިފަދަ ނުރައްކާތެރި ފުރުޞަތުތައް މި ޤާނޫނުގެ ސަބަބުން ހަނިވެގެންވެސް ދާނެކަމަށެވެ. އަދި ޒިންމާދާރުކަމާއެކު، ޤާނޫނީ އިމުގެ ތެރެއިން މިފަދަ ވާހަކަތައް ދައްކަވަމުން ގެންދާނެ މާޙައުލެއް ލިބިގެންގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، "އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު" ތަންފީޒުކުރައްވަން ފަށްޓަވާ ހިސާބުން ފެށިގެން އެންމެ ބޮޑު އެއް ބަދަލެއް އަންނާނީ، ސިޔާސީ ފަރާތްތައް މިހާރަށްވުރެ ޒިންމާދާރުކަމާއެކު އެފަރާތްތަކުގެ ޚިޔާލުފާޅުކުރުމާއި، ޤައުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ޚިޔާލު ފާޅުކުރުމުގައި، ދުރުވިސްނުމާއި، ޒިންމާދާރުކަމާއެކު، މަސަކަތް ކުރައްވަން ފެއްޓެވުންކަމަށެވެ. 

img:http://s3.psmnews.mv/images/660x400/3890.jpg|ދިވެހި ސިފައިން

މިނިސްޓަރ ވިދާޅުވީ، ޤާނޫނީ އޮނިގަނޑުގެ ބޭރުން ޤައުމެއްގެ ވެރިކަން ބަދަލުކުރަން މަސަކަތް ކުރުމާއި، އެކަމަށް ހިތްވަރުލިބޭ ގޮތަށް ގޮވާލުމަކީ ޣައިރު ޤާނޫނީ ޢަމަލެއްކަމަށާއި، އެފަދަ ޢަމަލުތަކަށް ގޮވާލުމަކީ ރައްޔިތުންގެ ތެރޭގައި މަސަލަޙަތު ގެއްލި ކަންބޮޑުވުންތައް އުފެދޭފަދަ ކަމެއްކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި މަދުވެ އެކަންކަމަށް ގޮވާލާ ފަރާތްތައް މިބިލު އައުމުން ޒިންމާދާރުކަމާއެކު ޚިޔާލުފާޅުކުރައްވަމުން ގެންދާނެކަން މިނިސްޓަރ އާދަމަ ޝަރީފް ޢުމަރު ވަނީ ފާހަގަކުރައްވާފައެވެ.

"ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚިޔާލެއް ނުވަތަ ޝުޢޫރެއް ފާޅުކުރުމަކީ މިޤާނޫނުގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވިދާނެ ޙާލަތެއް. "އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" ގެ ނުވަވަނަ މާއްދާގައި ބުނާގޮތުން ޤައުމުގެ ސިޔާދަތައް ނުވަތަ އިސްތިޤްލާލަށް ގެއްލުން ލިބޭނެ ޚިޔާލުފާޅުކުރުމާއި، ޓެރަރިޒަމްގެ ޢަމަލަކަށް ހިތްވަރުދިނުމަށް ނުވަތަ ހަތިޔާރު ބޭނުންކޮށްގެން، ޢުދުވާނީ ޙަރަކާތެއް ހިންގުމަށް ގޮވާލައި ޚިޔާލު ފާޅުކުރުމަކީ، ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލު ފާޅުކުރުންކަމުގައި ބެލެވޭނެ ކަންކަން." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14614018277022.jpg|ދިވެހި ސިފައިން - ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވެފައި، ދިވެހިންނަކީ އަބަދުވެސް ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ، އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިޙްތިރާމް ކޮށްގެން ދިރިއުޅެމުންދިޔަ ޤައުމަކަށްވުމުން އެ ޘަޤާފަތް ދިވެހިންގެ ތެރޭގައި ވަރަށް ފަހަކާޖެހެންދެން އޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާހެދި ފަހަކަށްއިސް އެކަން ނެތިގެން ގޮސްފައިވާ ދުވަސްވަރެއްގައި ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތީން މިގެނެވުނު ޤާނޫނުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ހަލާކުވެފައިވާ ޤައުމުގެ އިޖްތިމާއީ، ފޭރާން ރަނގަޅުކޮށް އަލުން ފެއްޓެވުމަށް އާ ފެށުމަކުން ކަންކަން ހަރުދަނާވެގެންދާނެކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ، މަލްޓި ޕާޓީ ޑިމޮކްރަސީ ސިސްޓަމެއް ޤާއިމުކުރުމުގެ ވަރަށް ޅަފަތުގައި އޮތް ޤައުމަކަށްވާއިރު، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ، ގޮތުން ޤައުމު ކުރިއެރުވުމަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ހުރިހާ ކަމެއް ކުރިއަށް ގެންދިއުމައްޓަކައި، ހަރުދަނާ އުޞޫލުތަކެއް ގެނައުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، މިކަންކަމަށް ރަނގަޅު ޤާނޫނީ ބާރުވެރިކަމެއް ލިބިގެން މެނުވީ، އެކަންކަމަށް ރަނގަޅު ތަންފީޒީ ބަދަލެއް ގެނައުމަށް "އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" އަކީވެސް މުހިންމު ޤާނޫނެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.