ޚަބަރު

ނައިބު ރައީސް، ލަންކާ ސަފީރާ ބައްދަލުކުރައްވައިފި


ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ބީ.އާރ.ޑަބްލިއު.އެމް.އާރ.އޭ.ބީ. ޮރަޑެނިޔަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުން ފާހަގަ ކުރައްވައި، ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14708984696626.jpg|ނައިބު ރައީސް، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި އިޤްތިޞާދާއި، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސްރީލަންކާގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. އަދި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ސްރީލަންކާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުހަބާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެ އާއި ސްރީލަންކާއާ ދެ ޤައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޙުސައިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.