ކުޅިވަރު

ޖަރުމަނުގެ ގިނަ ކުޅުންތެރިން އަނިޔާގައި، ރުޑިގާ އަލުން ޓީމަށް


އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ޖަރުމަނުގެ ގައުމީ ޓީމު އެކުލަވާލައިފިއެވެ.

މިހެންވެ އަނިޔާއިން ރަނގަޅުވެ އަދި އެންމެ ފުރިހަމައަށް ފިޓް ނުވި ނަމަވެސް، ރެއާލް މެޑްރިޑްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ވަނީ ޓީމުގައި ހިމަނާފައެވެ.

ކޯޗު ހޫލިއަން ނާގަލްސްމަން އޭނާ ޓީމުގައި ހިމަނާފައިވަނީ ސްޕެނިޝް ކަޕުގެ ފައިނަލުގައި ރެފްރީއާ ދިމާލަށް ފައިސާ ފޮއްޗެއް އެއްލުމުން ޔޫއޭފާއިން ދިން ސަސްޕެންޝަން ނިމުމާއެކުގަ އެވެ. މިކަމާ ގުޅިގެން ނާގަލްސްމަން ވަނީ ރުޑިގާގެ އަމަލުތަކަށް ކުރިން ފާޑުކިޔައިފަ އެވެ. އަދި އެއީ ރަނގަޅު ނުކޮށްފިނަމަ އޭގެ ގެއްލުން ބޮޑުވެދާނެ ފަދަ އަމަލުތަކެއް ކަމަށް ވެސް އޭރު ނާގެލްސްމަން ސިފަކުރި އެވެ.

އޭނާ އެކުލަވާލި ސްކޮޑުން ރުޑިގާ އަށް އަލުން ޖާގަދީފައިވާއިރު ލެރޯއީ ސާނޭ ވަނީ ބާކީކޮށްފަ އެވެ. ގައުމީ ޓީމަށް 70 މެޗު ކުޅެދީފައިވާ ސާނޭ ބާކީ ކުރީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ދޫކޮށް އޭނާ ތުރުކީގެ ގަލަސަރާއީ އަށް ބަދަލުވެ އެކަށީގެންވާ ކުޅުމެއް ނުދެއްކިފައިވާތީ އެވެ.

އަނިޔާގެ ސަބަބުން ޓީމުން އުނިކުރި މުހިންމު ކުޅުންތެރިންގެ ތެރޭގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ އާއި އާސެނަލްގެ ކައި ހަވަޓްޒް އާއި ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ހިމެނެ އެވެ. އަދި ޓިމް ކްލެއިން އާއި ދިފާއީ ކުޅުންތެރިޔާ ނިކޯ ޝްލޮޓެރްބެކް އާއި ބެންޖަމިން ހެންރިޗް ހިމެނެ އެވެ.

މި ކުޅުންތެރިންގެ ބަދަލުގައި ޓީމުން ޖާގަ ދީފައިވަނީ އެންޓްރެކްޓްގެ ޑިފެންޑަރު ކޮލިންސް އާއި އޯގްސްބާގްގެ ގޯލްކީޕަރު ފިން ޑާމެން އާއި މައިންޒްގެ މިޑްފީލްޑަރު ޕައުލް ނެބެލް އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޖަރުމަނު ނުކުންނާނީ ސްލޮވާކިޔާއާ ދެކޮޅަށެވެ،، އޭގެ ފަހުން ކުޅޭނީ އުތުރު އަޔަލޭންޑާ އެވެ.