ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
މިރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެންވޭރު ބޯޅަގޭގައެވެ. ފުޖިއާން ޕްރޮވިންސުގެ ފަރާތުން މިތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންވާއެވެ. އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.
ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ހިމެނެނީ ފުޓުބޯޅައާއި، ދަބަހާއި، ތޮފި، ޓްރެކްސޫޓް، އިސްޓާކީނު އަދި ފިރިހެނުންގެ ސޯޓާއި ޓީޝާޓެވެ.
މިރަސްމިއްޔާތުގައި ކުޅިވަރު ވަޒީރުވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސުގެ ފަރާތުން ރާއްޖޭގެ ކުޅިވަރަށް ވެދެއްވަމުންގެންދަވާ އެހީތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި އެހީތެރިކަމަކީ އެގައުމުން ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމުގެ ރަމްޒެއްކަމަށާ، އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުގެ ދެމެދުގައިވަން ގުޅުން އިތުރަށް ބަދަހިވެ، ގާތްކަން ވަރުގަދަވުންކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ މިހާތަނަށް ފުޖިއާން ޕްރޮވިންސުންވަނީ ދެފަހަރެއްގެ މަތިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފުޓްބޯޅަ އާއި ގުޅުންހުރި ސާމާނު ހިމެނެއެވެ.
މީގެ އިތުރުން އެގައުމުންވަނީ ރާއްޖޭގެ ވޮލީ ބޯޅަ ކޯޗުން ތަމްރީނުކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހަމަ އެހެންމެ ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ޗައިނާ ސަރުކާރުންދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާއި ދެމެދު މިއަހަރުގެ ފެބުރުއަރީމަހު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ.
މި ފަހުމުނާމާގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ.
މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި، އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.