ޚަބަރު

ފަލަސްޠީން ބަލައިގަތުމުގައި ވިލާތުގެ ޤައުމުތަކާ ބައިވެރިއެއް ނުވާނަން: ޖަރުމަންވިލާތް


ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގައި ވިލާތުގެ ޤައުމުތަކާ ޖަރުމަނުވިލާތުން ބައިވެރިނުވާނެ ކަމަށް އެ ޤައުމުގެ ޗާންސެލަރު، ފްރީޑްރިޗް މަރޒް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ އދގެ އާއްމު މަޖިލީހުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ބަލައިގަންނާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. އެއާއެކު އެ ޤައުމު ވެގެންދާނީ ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ. އިނގިރޭސިވިލާތާއި ކެނެޑާއިން ވެސް މިހާރު ވަނީ ފަަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެފައެވެ.

ނަމަވެސް ކެނެޑާގެ ބޮޑުވަޒީރު މަރކް ކާނީއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރޒް ވިދާޅުވީ ފަލަސްޠީނުގެ މައްސަލައިގައި ޖަރުމަނުވިލާތުގެ މައި ސަރުކާރުގެ މަޤާމު ވަރަށް ސާފު ކަމަށެވެ. އެ މައްސަލައާ ގުޅޭގޮތުން ޖަރުމަނުވިލާތުން ދެކޭ ގޮތް ކެނެޑާއަށް ވެސް އެނގޭނެ ކަމަށާއި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ނިންމުމަަށް ހަމަވާންޖެހޭ ޝަރުތުތައް ހަމަވާ ކަމަށް އެ ޤައުމުން ޤަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުވިލާތަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ޔަހޫދީންނަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ޤައުމެެވެ. އެ ޤައުމަކީ އެމެރިކާއަށް ފަހު ޔަހޫދީންނަށް އެންމެ ގިނަ ޢަދަދަކަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމު ވެސް މެއެެވެ. ނަމަވެސް ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ޔަހޫދީންނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ބަސް ބުނުމަށް ޖަރުމަނުވިލާތަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާން ފުޅާކޮށް، އެ ސަހަރު ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރުމަށް ނިންމާ ޔަހޫދީން އެ ކަން އިޢުލާނުކުރުމާ ގުޅިގެން ޖަރުމަނުވިލާތުން މި މަހުގެ ކުރީކޮޅު ވަނީ އެ މަސައްކަތުގައި ޔަހޫދީން ބޭނުންކޮށްފާނެ އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް ނިންމައިފައެވެ. އެ ނިންމުމަކީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި، އެ ސަހަރަށް ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނާ ދެކޮޅަށް ބަސް ބުނުމަށް ޖަރުމަނުވިލާތުގެ ރައްޔިތުންގެ އިތުރުން އިއްތިޙާދީ ސަރުކާރުގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.

އޭރު ޗާންސެލަރު މަރޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ޣައްޒާ ގެންދިޔުމަށް ޔަހޫދީން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ޣައްޒާގައި ޢުދުވާން ހިންގަމުންދާ މަޤްސަދު ކަމަށް އެ ބައި މީހުން ބުނަމުންދާ ކަންކަން ޙާޞިލް ކުރަން އުނދަގޫވާނެ ކަމަށެވެ.