ސިއްހަތު

ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ބައްލަވާލައްވައިފި


ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު ޢިމާރާތްކުރެއްވުމުގެ މަސައްކަތް ހިނގަމުން އަންނަގޮތް މިނިސްޓަރ އޮފް ހެލްތު ބައްލަވާލައްވައިފިއެވެ.

ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ހިންގަމުންދާ ތަނަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް ވަޑައިގެންނެވުމުން އައި.ޖީ.އެމް.އެޗުގެ އިސްވެރިންނާއި އަދި ސެންޓަރުގެ މަސައްކަތް ކުރިޔަށްގެންދާ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންގެ ފަންނީ ބޭފުޅުން ވަނީ އިމާރާތުގެ މަސައްކަތާއި އަދި ޢިމާރާތުގައި ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވާ ޚިދްމަތްތަކާބެހޭ މަޢުލޫމާތު އެމަނިކުފާނާ ޙިއްޞާކުރައްވާފައެވެ.

ފަންސަވީސް ބުރިއަށް ޢިމާރާތްކުރައްވާ، ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުން، އައި.ޖީ.އެމް،އެޗުން މިހާރު ދެއްވަމުން އަންނަ ހުރިހައި އައުޓް ޕޭޝަންޓް ޚިދުމަތާއި، ރާއްޖޭގައި ފަރުވާ ދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހައި ތަޙްލީލްތަކެއް ކުރެވޭނެ އިންތިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. އަދި ޕްރިމިއަމް ހެލްތު ސަރވިސްގެ ޚިދްމަތް ތަޢާރަފްކުރައްވައި، ޤައުމީ އަދި ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު، ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް މި ސެންޓަރުގައި ހަމަޖެހިގެންދާނެއެވެ. ރާއްޖޭގެ މާޙައުލާ ވީހާވެސް ގުޅޭގޮތަކަށް ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޢިމާރާތް ފަރުމާކުރައްވާފައިވާއިރު، އާ ޢިމާރާތުގެ އެންމެ ތިރީގެ ކޮމްޕައުންޑް ފަރުމާ ކުރައްވާފައިވަނީ ކާރިސާއެއް ކުރިމަތިވާ ޙާލަތްތަކުގައި ބަލި މީހުންނަށް ފަރުވާދެވޭ ގޮތަށެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ އާ ޢިމާރާތަކީ، ރާއްޖޭގައި މިހާތަނަށް ބިނާކުރައްވާ އެންމެ އަގުބޮޑު އެއް ޢިމާރާތެވެ. 140 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން އަޅުއްވާ 25 ބުރީގެ މި ޢިމާރާތް ނިންމަވައި 2018 ވަނަ އަހަރު ބޭނުންކުރައްވަން ފެށޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.