ޚަބަރު

އޯކިޑް ޕްލާޒާ ތަޅައިލުމަށްފަހު އެތަނުގެ ބިން ސާފުކޮށްފި


  • މިތަން ތަޅާލުމުގެ މަސައްކަތްފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހު

  • ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ތަޅާލުމަށް ނިންމާފައިވޭ

ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބާވެ، ވެއްޓެން ކައިރިވެފައި ހުރި އޯކިޑް ޕްލާޒާ ތަޅައިލުމަށްފަހު އެތަނުގެ ބިން ސާފުކޮށްފިއެވެ.

މާލޭގައި ބާވެ ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަމުން ދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންއެވެ.

މިގޮތުން އޯކިޑް ޕްލާޒާ ތަޅައިލުމުގެ މަސައއްކަތް މިދިޔަމަހުގެ 12 ވަނަ ދުވަހު ފެށުމަށްފަހު މިހާރު އެ މަސައްކަތް ވަނީ ނިންމާލާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން ކުރި މަސައްކަތެކެވެ.

އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މާލޭގައި ހުރި މި ފަދަ ޢިމާރާތްތައް ތަޅައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަ ވަރަށް މުހިންމު ކަމެކެވެ. އާންމު އުނދަގުލަކަށްވާ ފަދަ ނޭދެވޭ އެތައް ޢަމަލެއް އެ ފަދަ ތަންތަނުގައި މީގެ ކުރިން ހިނގައިފައި ވެއެވެ.

އޯކިޑް ޕްލާޒާއާ ލައިގެން މާލޭގައި ބޭނުން ނުކުރާ 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ. މި ތިން އިމާރާތް ތަޅާލުމަށް ނިންމާފައިވަނީ، އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވުމާއެކު އެ އިމާރާތްތަކުގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ. މާފަންނުގެ 3 އިމާރާތެއް ކަމަށްވާ، އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ތަޅާލުމަށް ނިންމާފައިވެއެވެ. މި ތިން އިމާރާތަކީ މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގާ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ތަންތަނެވެ. މިހާރު މި އިމާރާތްތަކަކީ މީހުން ވަދެ ނިކުމެ އުޅެން ރައްކާތެރި ތަންތަނެއް ނޫނެވެ. އޯކިޑް ޕްލާޒާ ތަޅާލުމަށްފަހު ދެން ތަޅާލުމަށް ހަމަޖެހިފައިވަނީ ނިއު ޕްލާޒާއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ މީގެ ކުރިންވެސް މާލޭގެ ބޭނުން ނުކުރާ އިމާރާތްތައް ތަޅާލާފައެވެ.