ވިޔަފާރި

އިންވެސްޓްމަންޓްތައް ހިމާޔަތްކުރަން އިތުބާރު ލިބިއްޖެ


ރާއްޖޭގައި ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އިޤްތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމަޝްރޫޢުތަކާއި މެދު ހަޤީގަތާ ޚިލާފް ވާހަކަ ދެއްކުމަށްފަހު އެ ވާހަކަތައް ސާބިތު ނުކޮށްދެވުންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރެއްވުމާއި ގުޅިގެން ޕީއެސްއެމުން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތުގައި، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީ އާއި އިޤްތިޞާދީ ބިޔަ މަޝްރޫޢުތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ހަޤީގަތާއި ޚިލާފް ވާހަކަތައް، އެ ފަރާތްތަކަށް ސާބިތުކޮށް ނުދެވުންކަމަށެވެ. އަދި އަބުރު ރައްކާކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އައުމަކީ، ތަރައްޤީގެ މަސައްކަތަކަށާއި، އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށް ލިބިގެންދިޔަ އިތުބާރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14607333573894.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ހައުސިންގ މިނިސްޓްރީ

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައިވާ ގޮތުން ރާއްޖޭގައި ކުރިއަށްގެންދަވާ އެކިއެކި މަޝްރޫޢުތަކާއި ގުޅޭ ގޮތުން އެބަޔަކު ބޭނުންވާ ޚިޔާލު ބޭނުން މިންވަރަކަށް އޭގެ އެންމެ ފުންމިނަށް ވާހަކަ ދެއްކޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ބިލްތަކާއި ޤާނޫނުތަކުން ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކަށާއި، އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމަށް އިތުރު ލުއިފަސޭހަކެއް ލިބިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14638385213583.jpg|އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ ބޮޑު މަޝްރުޢޫއެއް

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ، ދިވެހިންގެ ތެރޭގައި މިއޮތް ރީތި އުސޫލުތަކާއި ޘަޤާފަތާއި ހަމަޖެހުން ނަގާލާ ރާއްޖެގެ މިއޮތް އަމަން އަމާންކަން ނަގާލުމުގެ ބޭނުމުގައިކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ސަޢީދު ވިދާޅުވީ، މިބިލުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ލިބިދީފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންތަކާއި މިންތައް ވަކިކޮށްދެމުންކަމަށެވެ. އިކޮނޮމިކް މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ތަހްޒީބް މުޖުތަމަޢަކަށް ރާއްޖެ ބަދަލުކޮށްލުމަށް މިފަދަ އިތުރު އެތައް ޤާނޫނެއް ވުޖޫދަށް އަންނަންޖެހޭކަމުގެ ދެކެވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.