ޚަބަރު

މުދަލުގެ ޒަކާތް އަންނަމަހުގެ ތެރޭގައި ބައްސަވަން ފަށްޓަވާނެ


މުދަލުގެ ޒަކާތް އަންނަމަހުގެ ތެރޭގައި ބައްސަވަން ފަށްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މުދަލުގެ ޒަކާތް ބެއްސެވުމަށްޓަކައި އެ މިނިސްޓްރީން ފަޤީރުންގެ ލިސްޓް އަލުން އިޞްލާޙު ކުރައްވަމުންގެންދަވާ ކަމަށެވެ. ފަޤީރުންގެ ލިސްޓް އިޞްލާޙު ކުރައްވަނީ ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ބެއްސެވުމަށްޓަކައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަޤީރެއްގެ ގޮތުގައި ނަން ރަޖިސްޓްރީ ކުރުމަށް ފުރަންޖެހޭ ފޯމު ރަށު ކައުންސިލްތަކުންނާއި އިސްލާމިކް މިނިސްޓްރީންވެސް ލިބެން ހުންނާނެއެވެ.

މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ކަނޑައެޅިފައިވާ ނިސާބު ހަމަވާ ވަރަށް މުދާ ނުވަތަ ފައިސާ ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ޒަކާތް ދެއްކުން ވާޖިބު ވެގެންވެއެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާގޮތުގައި، ރާއްޖޭގައި ޒަކާތުގެ ނިޞާބު މިހާރު ހުރީ 4،012.60 ރުފިޔާގައެވެ. މުދަލު ޒަކާތަކީ ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އެއްޗެކެވެ.