ދުނިޔެ

ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާތަކުގެ މިލްކުވެރިކަމުގެ މައްސަލަ


ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާތަކުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާއާއި ޖަޕާނާ ދެމެދު އުފެދިފައިވާ އަރާރުންތަކުގެ ސަބަބުން ޗައިނާއާއެކު އޮންނަ ގުޅުންތައް ގޯސްވެދާނެކަމުގެ އިންޒާރު ޖަޕާނުން ދީފިއެވެ.

ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ބުނީ މި ޖަޒީރާތަކުގެ ކައިރީގައި ޗައިނާގެ އަސްކަރީ ޙަރަކާތްތައް އިތުރުވަމުންދާ މައްސަލާގައި އިޙްތިޖާޖް ކުރުމުގެ ގޮތުން ޓޯކިޔޯގައި ހުންނަވާ ޗައިނާގެ ސަފީރު 2 ފަހަރެއްގެމަތިން ޖަޕާނުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް ޗައިނާގެ ޢަމަލުތައް ބަލައިނުގަނެވޭނެކަން ބަޔާންކުރާ އިޙްތިޖާޖުގެ ލިޔުންތައް ޙަވާލުކޮށްފައިވާނެ ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ޗައިނާގެ ސަފީރު ވިދާޅުވީ މިލްކުވެރިކަމާމެދު މައްސަލަޖެހިފައިވާ ޖަޒީރާތަކަކީ ޗައިނާގެ ސަރަޙައްދުގެ ބައެއް ކަމަށާއި އެޖަޒީރާތައް ޖަޕާނުގެ މިލްކެއް ކަމުގައި ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ޖަޕާނުން ވަނީ މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތަކުގެ ވަށައިގެންވާ މާޙައުލު ބަދަލުކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތުވެސް ޗައިނާގެ މައްޗަށްކޮށްފައެވެ.