ޚަބަރު

ކާސާމިއާ ހުރި ބިން މަތިވެރީގެ ކައުންސިލާއި ހަވާލުކޮށްފި


  • މިއީ 50 ކޮޓަރީގެ ގެސްޓް ހައުސްއެއް

  • ނިމިދިޔަ ސަރުކާރުން އިޖުރާއަތްތަކާ ޚިލާފަށް 50 އަހަރަށް މުއްދަތު އިތުރުކުރި

  • އެތަން މަތިވެރީގެ ރައްޔިތުންނާ ލިބޭނެ ގޮތް ހައްދަވާނެކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުއަށް އއ.މަތިވެރީގެ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން މަތިވެރި ކައުންސިލާއި ހަވާލުކޮށްފިއެވެ.

މަތިވެރި ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިމުގައި ގެންދަނީ ކާސާމިއާގެ ނަމުގައި 50 ކޮޓަރީގެ ގެސްޓްހައުސްއެއް ހިންގަމުންނެވެ.

މި ބިން މަތިވެރީގެ ކައުންސިލާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަތިވެރި ކައުންސިލާ ބިން ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި ކައުންސިލުން އެ ލިޔުމާއި ހަވާލުވެވަޑައިގަތީ ކައުންސިލްްގެ ރައީސް އަޙްމަދު އަޞްލަމްއެވެ.

މިބިން އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފައިވާއިރު އއ.މަތިވެރީގެ ރައްޔިތުންނަށް އެ ބިން ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހު ވިދާޅުވެފައެވެ.

މަތިވެރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޓޫރިޒަމް ޒޯންގެ ބިމުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާނެކަމަށް އުއްމީދުކުރައްވާކަމަށާއި، އަދި ސަރުކާރުގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުއަށް ގެސްޓްހައުސް ހިންގުމަށް އެ ބިން ފުރަތަމަ ދީފައި އޮތީ 10 އަހަރު ދުވަހަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އިޖުރާއަތްތަކާ ޚިލާފަށް އަކަފޫޓަކަށް 5 ރުފިޔާގެ މަގުން 50 އަހަރު ދުވަހުގެ މުއްދަތަކަށް އެތަނުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. އެކަމުގެ ސަބަބުން ރަށު ކައުންސިލަށް ވަނީ އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ލިބިފައެވެ. މީގެއިތުރުން ކަރަންޓު ބިލާއި ކުލިވެސް ދައްކާފައި ނެތުމުން ދަޢުލަތަށް ވަނީ 94 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިފައިކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.