ސިއްހަތު

މުލަކުގެ އެފް.ސީ.އެސް ސެންޓަރަށް މިނިސްޓަރު ޒިޔާރަތްކޮށްފި


މ އަތޮޅު މުލަކުގެ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރުގެ މަސައްކަތްތައް ހަރުދަނާ ކުރުމާބެހޭ ގޮތުން ޖެންޑަރ މިނިސްޓަރ އެ ސެންޓަރުގެ މުވައްޒަފުންނާ މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު މުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ތެރެއިން ބޭއްވި މިބައްދަލުވުމުގައި، މ.މުލަކުގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި، ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި ބެހޭ ގޮތުން އެސެންޓަރުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ މުލަކަށް ކުރެއްވި މިދަތުރުފުޅުގައި، މުލަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، އާއްމު ރައްޔިތުންނާ ގުޅުން ހުރި ޚިދްމަތް ދެމުންގެންދާ ހުރިހާ މުއައްސަސާތަކާ ބައްދަލުކުރައްވާ، ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައިވެއެވެ. އަދި ޖެންޑަރ މިނިސްޓްރީއާއި އެ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދެވޭނޭ ޙަރަކާތްތައް ދެނެގަނެ، އެއްބާރުލުން ދިނުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.އެގޮތުން އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެކި މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާ، ކަމާއި ގުޅުން ހުރި ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެއްވުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. 

ޖެންޑަރ މިނިސްޓަރ މުލަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ޖެންޑަރ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިޔަށްގެންދިޔަ، އަނިޔާއާއި ދެކޮޅަށް ކުޑަކުދިން ބާރުވެރިކުރުވުމަށްޓަކައި ބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ސެޝަންތަކުގައިވެސް ބައިވެރިވަޑައިގެންފައެވެ. މި ސެޝަންތަކުގައި ބައިވެރި ކުދިންނާއި މިނިސްޓަރ ބައްދަލު ކުރައްވާ، ކުދިންގެ ވާހަކަތައް މިނިސްޓަރާ ހިއްސާކުރުމުގެ ފުރުޞަތު ދެއްވިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.