ދީން

އަބުރު ރައްކާތެރިކުރުމަކީ އިސްލާމްދީނުގައި ވަރަށް މުހިއްމުކަމެއް


އަބުރު ރައްކާތެރިކުރުމަކީ އިސްލާމްދީން ބާވާލެއްވުނު މާތް މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ އިސްލާމީ ޝަރީޢަތް ބާވާލެއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދީން ޙިމާޔަތްކުރުން، ނަފްސު ޙިމާޔަތްކުރުން، މުދާ ޙިމާޔަތްކުރުމާއި، މީހުންގެ އަބުރު ޙިމާޔަތްކުރުން އަދި މީހުންގެ ބުއްދި ޙިމާޔަތްކުރުންކަމަށެވެ. އަދި މުސްލިމުންގެ އަބުރަށް އަރައިގަތުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކާމެދު ކުރުން މަނާކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދީނުގައި އަބުރަށް އަރައިގަތުމަކީ ކޮބައިކަން ވަރަށް ސާފްކޮށް ތަފްޞީލުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ މަތިން ވާހަކަދައްކާ ޚިޔާލުފާޅުކުރުން ދީނުގައި މަނާކުރައްވާފައި ނުވާކަމަށެވެ. ރޭގެ ޕްރޮގްރާމްގައި މިނިސްޓަރ ޒިޔާދު ވަނީ އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަމާއި އަދި އަބުރުކަތިލުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން މިސާލު ދައްކަވާ ވާހަކަފުޅުދައްކަވާފައެވެ.