ތަޢުލީމު

މުޙިއްޔުއްދީން ސްކޫލުގައި 4 ބުރީގެ އިމާރާތެއް އަޅަނީ


ވިލިމާލޭގައި ހުންނަ މުޙިއްޔުއްދީން ސްކޫލަށް ޖާގަ އިތުރު ކުރުމަށް 4 ބުރީގެ ޢިމާރާތެއް އެޅުމުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިފިއެވެ.

4 ބުރީ ގެ މި ޢިމާރާތުގައި 12 ކުލާސްރޫމާއި ލައިބްރަރީއަކާއި ސްޓާފްރޫމެއް ހިމެނޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. މި ޢިމާރާތުގެ މަސައްކަތަށް ގާތްގަނޑަކަށް 11.5  މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޢިމާރާތުގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މުޙިޔުއްދީން ސްކޫލަކީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ދިހަޔަކަށް ކިޔަވައިދެއްވަމުން ގެންދާ ސްކޫލެކެވެ. މި ޢިމާރާތް ބިނާކުރުމާ ބެހޭގޮތުން  ވާހަކަދައްކަވަމުން ވިލިމާލޭ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން މުޙިއްޔުއްދީން ސްކޫލަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް ޕީއެސް އައިޕީ ގެދަށުން  316 މިލިޔަން ރުފިޔާގެ  49 މަޝްރޫޢެއް ރާއްޖޭގެ އެކި އެކި ސްކޫލްތަކުގައި މިހާރު ކުރިއަށް އެބަގެންދަވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވިރަސްމިއޔާތެއްގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަންމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ  ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއިލް ޢަލީއެވެ. ވީ އަވަރއިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ހަމްދޫން އަނީސްއެވެ.