ރާއްޖޭގައި އެންޓިބައޯޓިކުން ނުގުޑާ ބެކްޓީރިއާ ފެތުރިފައިވާ މިންވަރު ދެނެގަނެ، އެކަން ޙައްލުކުރަން އަޅުއްވާނޭ ފިޔަވަޅުތައް ކަނޑައެޅުއްވުމުގެ ޕްލޭނެއް އެކުލަވާލެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.
މީގެ 75 ވަރަކަށް އަހަރު ކުރިން އެންޓި ބައޮޓިކްސް، އުފައްދައި ބާޒާރަށް ނެރުމާއެކު، މިބޭސް ވެގެން ދިޔައީ ޑޮކްޓަރީ ބޭސްވެރިކަމަށް އައި ބޮޑު އިންޤިލާބަކަށެވެ. ބައެއް ބަލިތަކަށް ފަރުވާދޭނެ ގޮތެއް ނެތި އެތައް މިލިޔަން މީހުން މަރުވަމުން ދަނިކޮށް، އެންޓިބައޮޓިކް ވުޖޫދަށް އައުން ވެގެން ދިއައީ، ޞިއްޙީ ޚިދްމަތްތެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. އެއާ އެކު، އެންޓިބައޮޓިކްސްގެ އެހީގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަގު ފަހިވެގެން ދިޔައެވެ. " އެންޓިބައޮޓިކް އީރާ" ގެ ގޮތުގައި ޞިއްޙީ ޚިދްމަތްތެރިން އެދުވަސްވަރު ފާހަގަކުރެއެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއި ، ތަރައްޤީގެ ސަބަބުން ދިރިއުޅުމުގެ ވަށްޓަފާޅިއަށް އައި ބަދަލުތަކާއެކު،ޢާއްމުން އެންޓިބައޮޓިކްސް ބޭނުންކުރާ މިންވަރު އިތުރު ވެގެންދިޔައެވެ. ހަމަ އެއާއެކު،ޑޮކްޓަރުން އެންޓިބައޮޓިކް ބޭނުންކުރަން އިރުޝާދު ދޭ މިންވަރު އިތުރުވެ، އަދި ފަރުދުން އަމިއްލައަށް އެންޓިބައޮޓިކް ބޭނުންކުރުމުގެ ސަބަބުން، އެންޓިބައޮޓިކަށް ހޭނި، އެމީހާއަށް އެންޓި ބައޮޓިކަށް އެންމެ ބޮޑަށް ބޭނުންޖެހޭ ޙާލަތްތަކުގައި އެންޓިބައޮޓިކަށް ނުގުޑާ ޙާލަތު ދިމާވެއެވެ.
ޞިއްޙީ މާހިރުން މިހާރު ވިދާޅުވާ ގޮތުގައި، "އެންޓިބައޮޓިކް އިރާ" ގެ ކުރީގެ ޙާލަތައް މިހާރު ދުނިޔެ އަނެއްކާވެސް މިއޮތީ އައިސްފައެވެ. އެންޓިބައޮޓިކަށް ނުގުޑުމުގެ ސަބަބުން، އެތައްހާސް ބަޔަކު މިހާރު ދަނީ މަރުވަމުންނެވެ. މިކަމާ ކަންބޮޑުވެ، ދުނިޔޭގޭ ޞިއްޙަތު ޖަމްއިއްޔާއިން ވަނީ މިކަން ޙައްލުކުރުމަށް "ގްލޯބަލް އެކްޝަން ޕްލޭން އޮން އެންޓި- މައިކްރޯބިއަލް ރެސިސްޓެންސް" އެއް އެކުލަވާލާފައެވެ. 2015 ވަނަ އަހަރުބޭއްވި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ 68 ވަނަ ޢާއްމު ޖަލްސާގައި ފާސްކުރި މި ޕްލޭން މެމްބަރު ހުރިހާ ޤައުމުތަކުން ތަންފީޒް ކުރަންޖެހެއެވެ.
ރާއްޖެއިން މިހާރު މިވަނީ މިކަން ޙައްލު ކުރެއްވުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރެއްވުމަށް " އެކްޝަން ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފަށްޓަވާފައެވެ.
އެގޮތުން މިއަދު ވަނީ އެކްޝަން ޕްލޭން އެކުލަވާލުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއި ލަފާ ހޯއްދެވުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވަވާފައެވެ. ޞީއްހީ އިދާރާތަކާއި ،ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ޖުމްލަ 50 ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭއްވެވި މި ވޯކްޝޮޕާބެހޭ ގޮތުން އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޝަރީފާ އާދަމް މަނިކު ވިދާޅުވީ، އެކްޝަން ޕްލޭން އެކުލަވާލެއްވުމުން ރާއްޖޭގައި "އެންޓި ބައޮޓިކް" އަށް ނުގުޑާ ބެކްޓީރިއާ ފެތުރުފައިވާ މިންވަރު ދެނެގަނެ، އެކަން ހުއްޓުވުމަށް ނުވަތަ ޙައްލުކުރުމަށް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މަގު ފަހިވެގެން ދާނޭކަމަށެވެ.
މިއަދުގެ ބައްދަލުވުން ފަށްޓަވައިދެއްވާ، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ. ޙަބީބް ވިދާޅުވީ، އެންޓި ބައޮޓިކަށް ނުގުޑާ ބެކްޓީރިއާ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި މިހާރު ނުރައްކާ މިންވަރަށް ފެތުރެމުންދާ ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް މިކަން ދެނެގަތުމުގެ ޚާއްޞަ ސަރވޭއެއް ހެދިފައި ނުވިނަމަވެސް ބައެއް ހޯދުންތަކުން ރާއްޖޭގައި ފަރުވާ ދޭ ޑޮކްޓަރުން އެންޓި ބައޮޓިކް ބޭނުންކުރާ މިންވަރު ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބޭސް ސިޓީ ނެތި އެންޓި ބައޮޓިކް ވިއްކުމާއި، އަދި ޑޮކްޓަރެއްގެ ލަފައާ ނުލާ އެންޓި ބައޮޓިކް ބޭނުންކުރުމުގެ އާދަ ދިވެހިންގެ ތެރޭގައި ހިފާފައިވާ މިންވަރުން، ރާއްޖޭގައި އެންޓިބައޮޓިކަށް ނުގުޑާ ބެކްޓީރިއާ ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކި އުޞޫލެއްގެ މަތިން މިކަންކަން ޙައްލުކުރަން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.
އެންޓިބައޯޓިކަށް ނުގުޑާ ބެކްޓީރިއާ ފެތުރިފައިވާ މިންވަރު ދެނެގަނެ، އެކަން ޙައްލުކުރަން އަޅުއްވާނޭ ފިޔަވަޅުތައް ކަނޑައެޅުއްވުމުގެ ޕްލޭން އެކުލަވާލެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާ ގުޅިގެންނެވެ. އެޖަމްޢިއްޔާގެ ފަންނީ އެހީތެރިކަމާއެކު މި މަސައްކަތް ފަށްޓަވާފައިވާއިރު، މިއަދު ކުރިޔަށް ގެންދަނީ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތެވެ. އަދި މިކަމަށް ޚާއްޞަކޮށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޑަބް.ލިއު.އެޗް.އޯގެ ފަންނީ ޓީމް ހަފްތާއެއް ވަންދެން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކަމާގުޅުން ހުރިހާ ފަރާތްތަކާއެކު އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނޭ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވިއެވެ. ޑަބްލިއު.އެޗް.އޯގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް ވިދާޅުވީ، ރާއްޖޭގެ އެކްޝަން ޕްލޭން އެކުލަވާލެއްވުމުގައި ސަރުކާރާއި، ކަމާގުޅުންހުރި އިދާރާތަކުގެ ޝައުޤުވެރިކަން ވަރަށް ބޮޑުކަމަށެވެ. އަދި ސަރުކާރުން ކުރާ މި މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދިނުމުގައި ޑަބްލިއު.އެޗް އޯއިން ދެމިތިބޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ އެހީތެރިކަމާއެކު މި މަސައްކަތް ފަށްޓަވާފައިވާއިރު، މިއަދު ކުރިޔަށް ގެންދެވީ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތެވެ. އަދި މިކަމަށް ޚާއްޞަކޮށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޑަބްލިއު.އެޗް.އޯގެ ފަންނީ ޓީމް ހަފްތާއެއް ވަންދެން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކަމާގުޅުން ހުރި ފަރާތްތަކާއެކު އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދާނޭ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއެވެ.