ޚަބަރު

ޙައްޖަށް ފައިސާދެއްކި ފަރާތްތަކަށް އިންތިޒާމްތައް ހަމަޖައްސަނީ


ސަރުކާރުގެ އަމާޒަކީ، މިއަހަރު ޙައްޖަށް ދާން ފައިސާ ދައްކާފައިވާ ހުރިހާ އެންމެންނަށް ޙައްޖުގެ އަޅުކަން އަދާކުރެއްވޭނެ އިންތިޒާމް ހަމަޖެއްސެވުން ކަމަށް އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު މިހެން ވިދާޅުވެފައި މިވަނީ މި އަހަރު ރާއްޖެއަށް ކަނޑައެޅި 2،000 ކޯޓާގެ ތެރެއިން 1،000 ކޯޓާ ސަޢޫދީ ސަރުކާރުން ބާޠިލްކުރިކަމަށް ބުނެ ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ ސިޔާސީ ފަރާތްތަކުން ރައީސް ޔާމީނާއި ސަރުކާރުގެ އަގު ވައްޓާލުމަށް މަތިވެރި ޙައްޖުގެ އަޅުކަމާ ގުޅޭގޮތުންވެސް ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ޙައްޖު ކޯޓާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން މީހުންނަށް އޮޅޭގޮތަށް ވާހަކަތައް ފަތުރާފައިވާ ކަމަށް ވިދާޅުވިއެވެ.

"މިފަދަ މަތިވެރި މާތްއަޅުކަމެއް އަދާކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދިޔުމަށް އަޒުމް ކަނޑައަޅައިގެން ތިބި އިރެއްގައި، އަޅުގަނޑުމެންގެ ތެރެއިން މީހުންނަށް އޮޅޭގޮތަށް އެކިއެކި ފަރާތްތަކުން މަޢުލޫމާތު ހާމަކުރުމަކީ މިއީ ވަރަށް ހިތާމަ ހުރިކަމެއް. ދެން އަޅުގަނޑުމެން އެދެނީ މިފަދަ ކަންކަމުގައި ކޮންމެ ކަމެއްވެސް ސަރުކާރުން އެކަމެއް ކުރާއިރު އެއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ބަސް އެއީ އެންމެ ފަހުގެ ބަސްކަމުގައި ވާންޖެހޭނެ. ދެން އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިއަންނަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންގެ ވިސާގެ ކަންތައްތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަމަޖެހޭނެ ކަމަށާއި ގުރޫޕްތައް ޙައްޖަށް ފުރަން ކަނޑައަޅާފައިވާ ދުވަސްތައް މިނިސްޓްރީއަށް އެނގިވަޑައިގެންފައިވާ ކަމަށް މިނިސްޓަރ ވިދާޅުވެއެވެ. މިދިޔަ އަހަރު ޙައްޖު ނިމުމާއެކީ މި އަހަރުގެ ޙައްޖުގެ ތައްޔާރީތައް ފަށްޓަވާފައިވާކަން އެ މިނިސްޓަރ ފާހަގަކުރެއްވިއެވެ.