ކުޅިވަރު

އަޝްފާގުގެ ލަނޑާއެކު މާޒިޔާ އަލުން އެއްވަނައަށް


ގައުމީ ކެޕްޓަން އަލީ އަޝްފާގް މާޒިޔާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު އުރީދޫ ދިވެހި ޕްރިމިއާރ ލީގް ތާވަލްގެ އެއްވަނައަށް މާޒިޔާ އަލުން ޖެހިލައިފިއެވެ. 

މިމެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. ޓްރާންސްފާރއަށް ފަހު މާޒިޔާއަށް ރެކޯޑް އަގަކަށް ބަދަލްވި އަލީ އަޝްގާފްގެ ފަރާތުން  މިމެޗްގައި އަޝްފާގްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އެޓީމަށް މެޗްގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ. 

 މެޗްގެ ފުރަތަމަ ހާފްގައި ނިއުއަށްވެސް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބިވަނީ ބޭކާރުވެފައެވެ. އެގޮތުން ނިޔާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި އެއަށްފަހު މާޒިޔާގެ އަޝްފާގް ފޮނުވާލި ބޯޅަ ނިއުގެ ކީޕަރުވަނީ މަތަ ކޮށްފައެވެ. މާޒިޔާގެ 2ވަނަ ލަނޑު އެޓީމަށް އަޝްފާގް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައެވެ. އަޝްގާފް ކާމިޔާބުކުރި މިލަނޑަކީ ނިއުގެ ކުޅުންތެރިއަކު ކީޕަރަށް ޖައްސާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

img:http://s1.psmnews.mv/images/660x400/14706000203267.jpg|އުރީދޫ ދިވެހި ޕްރިމިއާރ ލީގްގައި މާޒިޔާއާ ނިއު ވާދަކުރު މެޗްގެ ތެރެއިން (ފޮޓޯ: ޕީއެސްއެމް - ވަހީދު)

 އަނިޔާގެ ސަބަބުން ވިކްޓްރީ މެޗްގައި ބައިވެރި ނުވެވުނު ކީޕާރ އިމްރާން މުހައްމަދު މިރޭގެ މެޗްގައި ވަނީ ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައެވެ. 2ވަނަ ހާފްގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އަހުމަދު ނާޝިދު ބޯޅަ ނެތިސް ނިއުގެ ނިޔާއަށް ހަމަލާދިނުމާ ގުޅިގެން ނާޝިދުއަށްވަނީ ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިމޮޅާއެކު ލީގް ތާވަލްގެ އެއްވަނަ މާޒިޔާއަށް ލިބެނީ ކުޅުނު 11 މެޗުން 24 ޕޮއިންޓް ލިބިގެންނެވެ. 2ވަނާގައި އީގަލްސްއޮތީ 11 މެޗުން 23 ޕޮއިންޓް ލިބިގެންނެވެ. ނިއުއަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމް އޮތީ ތާވަލްގެ 6ވަނާގައެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ކުލަބް ވެލެންސިޔާއާ ޓީސީ ސްޕޯޓްސް ކުލަބެވެ. އަދި މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓަރީއާ ބީޖީ ސްޕޯޓްސްއެވެ.