މާލޭ ކުޅިވަރު އެކުވެނީގައި މިއަދު ފެށި 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ މީޓު ރިކޯޑު ޔޫސުފް ނާއިކު ވަޖީހު ހަދައިފިއެވެ.
އޭނާ މި ރިކޯޑު ހަދާފައިވަނީ މެންސް ހައި ޖަމްޕު ކެޓެގަރީގައި ވާދަކޮށް 1.87 މީޓަރަށް ފުންމައިގެން ހޯދި ރަން މެޑަލްއާއެކުއެވެ. މި އިވެންޓުގެ ގައުމީ ރިކޯޑުވެސް ހަދާފައިވަނީ ނާއިކުއެވެ. އެއީ 1.88 މީޓަރަށް ފުންމައިގެންނެވެ.
މިވެންޓުގެ ކުރީގެ މީޓް ރެކޯޑަކީ 1.81 މީޓަރެވެ. އެއީ ކުރީގެ ޤައުމީ ރެކޯޑް އޮތް އަހުމަދު ޒަބީރު ހަދާފައިވާ ރެކޯޑެކެވެ.
މިއަދުގެ ހައިޖަންޕު އިވެންޓުން ރިހި މެޑަލް ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތުލީޓު އީސާ ޖާއިޒް އަޖްހަދެވެ. އެއީ 1.66 މީޓަރަށް ފުންމައިގެންނެވެ.
މިއަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 204 އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ. މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާ މިމުބާރާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ މެމްބަރު 20 ކުލަބަކުން ބައިވެރިވެފައިވެއެވެ.