ސިއްހަތު

ޑަޔަލިސިސް ސެންޓަރ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރަނީ


އައިޖީއެމްއެޗަކީ ރާއްޖޭގެ އެންމެ ގިނަމީހުން ޑައިލިސިސް ހަދަމުން އަންނަ އަދި ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްދެއްވާ ހަމައެކަނި ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 55 އާއި 60 އާ ދެމެދުގެ އަދަދެއްގެ މީހުން ޑައިލިސިސް ހަދާކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.

މި ހޮސްޕިޓަލުން ދެއްވާ ޑައިލިސިސްގެ ޚިދުމަތް އެއްދުވަހުން އަނެއްދުވަހަށް ފުޅާކުރައްވައި، ފެންވަރު ރަނގަޅުކުރުމަށްޓަކައި މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައި.ޖީ.އެމް.އެޗްގެ ޑައިލިސިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ބައިނަލްއަޤުވާމީ ފެންވަރުގައި ޤަބޫލުކުރާ ތަނަކަށް ހެދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14705842436261.jpg|އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޑަޔަލިސިސް ސެންޓަރުގެ ވޯޑް މެނޭޖަރ ޢާއިޝަތު ޙާމިދު ވިދާޅުވީ، އައި.އެސް.އޯ ސެޓްފިކެޓް ސެޓިފައިކުރެވުމުން، ދުނިޔެ ޤަބޫލުކުރާ ފެންވަރަކަށް މި ޔުނިޓްގައި ހުރިހާ ކަމެއް ބިނާވެގެންދާނެކަމަށެވެ. އައިޖީއެމްއެޗްގައި މިވަގުތު 185 މީހުން ޑައިލިސިސްގެ ޚިދުމަތް ހޯދަމުން ގެންދާކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ. އަދި މިއަހަރުގެ މިހާތަނަށް 17 މީހުން އަލަށް ޑައިލިސިސް ހެދުމަށް ރަޖިސްޓްރީކޮށްފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14705842323887.jpg|އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

ނިމިގެން ދިޔައަހަރު އައިޖީއެމްއެޗްގައި ހުންނަ ޑައިލިސިސް ސެންޓަރުގައި 102 މީހުން އަލަށް ރަޖިސްޓްރީވެފައިވާ ކަމަށާއި، އެއަހަރު ނިމުނުއިރު 140 މީހުން ޑައިލިސިސް ހަދާފައިވާކަމަށް އެހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން 2014 ވަނައަހަރު 114 މީހުން ޑައިލިސިސް ހެދުމަށް ރަޖިސްޓްރީ ވެފައިވާކަމަށް އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެއަހަރު 126 މީހުން ޑައިލިސިސްގެ ޚިދުމަތް ހޯދާފައިވާ ކަމަށްވެސް އައިޖީއެމްއެޗްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔައަހަރު 15300އަށްވުރެ ގިނަ ޑައިލިސިސް އެކިފަހަރު މަތިން ހެދިފައިވާކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައެވެ. އަދި 2014 ވަނައަހަރު 13500އަށްވުރެ ގިނަ ފަހަރު ޑައިލިސިސް ހަދާފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އެ ހޮސްޕިޓަލުން މިވަގުތު ޑައިލިސިސް ހަދާމީހުންގެ ތެރެއިން އެންމެ ގިނައީ ޢުމުރުން ދޮށީ މީހުން ކަމުގައި ވީނަމަވެސް ޒުވާން ޢުމުރުގެ ކުދިންވެސް ޑައިލިސިސް ހަދަމުން ގެންދާކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.

img:http://s1.psmnews.mv/images/660x400/14705842195817.jpg|އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

"ޑައިލިސިސް ހަދަން ޑޮކްޓަރ ޢާންމުކޮށް ވިދާޅުވާނީ ކިޑްނީގެ 15 އިންސައްތަ މަސައްކަތް ކުރާކަމަށްވާނަމަ، ކިޑްނީ ބަޔޮޕްސީ ހަދާފައި 15 ޕަސެންޓަށްވުރެ ކިޑްނީގެ ފަންކްޝަން ދައްވެއްޖެނަމަ ޑައިލިސިސް ހަދަން ފަށަނީ. ކިޑްނީ ފެއިލްވުމުގެ އެކި ސްޓޭޖްތައް ހުރޭ. 1 2 3 މިގޮތަށް ގޮސް 4 ވަނަސްޓޭޖަށް ގޮސް، ޑައިލިސިސް ހަދަންފަށާނީ. ނުވަތަ 5. ދެން ހުންނަ ސްޓޭޖްގެ ކުރީކޮޅު ޑައިގްނޯސް ކުރެވިއްޖެ ކަމަށްވަނީނަމަ ޑޮކްޓަރުގެ އިރުޝާދާއެކު ބޭހާއި ކެއުމުން ކުރިޔަށް ގެންދެވޭނެ ގިނަދުވަސްތަކަކަށް ޑައިލިސިސް ނަހަދައި. އެކަމަކު ގިނަފަހަރު ޑޮކްޓަރ ޑައިލިސިސް ހަދަން ވިދާޅުވުމުންވެސް ބަޔެއް މީހުން ޖެހިލުންވާކަމަށް" އައި.ޖީ.އެމް.އެޗްގެ ޑަޔަލިސިސް ސެންޓަރުގެ ވޯޑް މެނޭޖަރ ޢާއިޝަތު ޙާމިދު ވިދާޅުވިއެވެ.

މިހާރަކަށް އައިސް ގިނައަދަދެއްގެ ޒުވާން ޢުމުރުގެ ކުދިންނަށް ކިޑްނީ ފެއިލްވުމުގެ މައްސަލައާ ކުރިމަތިވަމުންދާ ކަމަށާއި މިއީ ކަންބޮޑުވާންވަރުގެ ކަމެއްކަމަށް ޢާއިޝަތު ފާހަގަކުރެއްވިއެވެ. އާންމުގޮތެއްގައި ކިޑްނީ ފެއިލްވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި ހަކުރުމައްޗަށް ދިއުން ހިމެނެއެވެ.