ތަޢުލީމު

'އުރީދޫ ސްމާރޓް ކެމްޕަސް' މިއަދު ތަޢާރަފްކޮށްފި


އުރީދޫއިން މައިކްރޮސޮފްޓްގެ ބައިވެރިވުމާއެކު، ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދެވޭ ތަޢުލީމީ ސޮލިއުޝަނެއް ކަމަށްވާ 'އުރީދޫ ސްމާރޓް ކެމްޕަސް' މިއަދު ތަޢާރަފްކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސްމާޓް ކެމްޕަސް ތަޢާރަފްކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހާއެވެ.

'އުރީދޫ ސްމާރޓް ކެމްޕަސް' ތަޢާރަފް ކުރުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި، ތަޢުލީމާއި ތަމްރީންގެ ޚިދުމަތްތައް ޒުވާނުންނަށް ފޯރުކޮށްދެއްވުމަށް، އީޖާބީ ގޮތްތަކެއް ބޭނުންވާ ކަމަށާއި އުރީދޫ މޯލްޑިވްސްއާއި މައިކްރޯސޮފްޓްގެ އެހީތެރިކަން ލިބުމަކީ، މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. img:http://s4.psmnews.mv/images/660x400/14705658278068.jpg|އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް - ފޮޓޯ: ޕީއެސްއެމް

"ތަޢުލީމީގޮތުން ދަރިވަރުން ހޯދާ ނަތީޖާ އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުން އަންނައިރު، އަލަށް ތަޢާރަފްކުރެވުނު ޓެކްނިކަލް ވޮކޭޝަނަލް ސްޓްރީމްގެ ދަށުން ތަމްރީނުވަމުންދާ ދަރިވަރުންގެ އަދަދުވެސް އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުން. މި ސްޓްރީމަކީ ބެލެނިވެރިންގެ ތަރުޙީބު ވަރަށް ފުރިހަމައަށް ލިބޭ އަދި ދަރިވަރުންވެސް ވަރަށް ޝައުޤުވެރިކަމާއެކު ބަލައިގަންނަ ސްޓްރީމަކަށް މިހާރު މިވަނީވެފައި. މި ސްޓްރީމުގައި މިއަދު 2085 ދަރިވަރުން ކިޔަވަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރާއިރު މި ސްޓްރީމްގެ ދަށުން ކިޔަވަން ބޭނުންވާ ކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިގެންދަނީ ކުރަމުން." ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ދުނިޔޭގައި ތަޢުލީމީ ފުރުޞަތުތައް ފަހިވެފައި ނެތް ސަރަޙައްދުތަކުގައި ވަޒީފާގެ ފުރުޞަތު ނެތް ޒުވާނުން ގިނަވެ، ވަރަށް ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އެހެންކަމުން އުރީދޫ ސްމާރޓް ކެމްޕަސް ފަދަ ޑިޖިޓަލް ސޮލިއުޝަންތަކުން، ދަރިވަރުންނަށް ކުރިމަތިވާ މިފަދަ ގޮންޖެހުންތަކާއި ކުރިމަތިލައި، އެކުދިންނަށް ކުރިއެރުމުގެ ފުރުޞަތުތައް ހުޅުވާލެވިގެންދާނެ ކަމަށާއި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14705658891218.jpg|އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހާ - ފޮޓޯ: ޕީއެސްއެމް

އުރީދޫ މޯލްޑިވްސްއިން ބުނީ ސްމާޓް ކެމްޕަސްގައި ހިމެނިފައިވާ މައިކްރޮސޮފްޓް އިން އެޑިއުކޭޝަންގެ ޕްލެޓްފޯމް މެދުވެރިކޮށް، ކަރުދާހުން ހިންގޭ ނިޒާމުތައް، ކްލައުޑް މެދުވެރިކޮށް ހިންގޭ ނިޒާމަކަށް ބަދަލުކޮށް، ކިޔަވާދިނުމުގައި އުޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އުރީދޫއިން ތަޢުލީމީ މުއައްސަސާތަކަށް ސްމާރޓް ކެމްޕަސް ސޮލިއުޝަން ފޯރުކޮށްދެނީ ހިލޭ އިންޓަރނެޓާއެކުގައެވެ. އަދި ދުރު ހިސާބުތަކުން މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ހިލޭ ޑޭޓާ ޕެކޭޖްވެސް ފޯރުކޮށްދެވޭނެ ކަމަށާއި މި ޚިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުންނަށް މައިކްރޯސޮފްޓްގެ ލައިސެންސްތަކެއް ހިލޭ ލިބޭނެކަމަށްވެސް އުރީދޫން ބުނެއެވެ.

މައިކްރޮސޮފްޓްގެ އޭޕެކް އެޑިއުކޭޝަންގެ ޑައިރެކްޓަރ، ޑޮން ކާލްސަން ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކުން ތަމްރީނު ފޯރުކޮށްދިނުމުގެ އައު ގޮތްތަށް ތަނަވަސްކުރުމުގައި މައިކްރޯސޮޕްޓްގެ ފުރިހަމަ އެއްބާރުލުން ލިބިގެން އަދި ސްމާޓް ކެމްޕަސް ޕްލެޓްފޯމް މެދުވެރިކޮށް ކިތަންމެ ދުރު ހިސާބެއްގައިވާ ދަރިވަރަކަށްވެސް ތަޢުލީމް ހޯދިދާނެ ކަމަށް ޑޮން ކާލްސަން ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14705659322637.jpg|މައިކްރޮސޮފްޓްގެ އޭޕެކް އެޑިއުކޭޝަންގެ ޑައިރެކްޓަރ، ޑޮން ކާލްސަން - ފޮޓޯ: ޕީއެސްއެމް

އުރީދޫ ސްމާޓް ކެމްޕަސްގެ ޚިދުމަތް މޯލްޑިވްސް ޕޮލިޓެކްނިކަށް ފޯރުކޮށްދެނީ ހިލޭސާބަހަށެވެ. އުރީދޫ ސްމާޓް ކެމްޕަސްގެ ތަފާތު ތިން ޕެކޭޖް ތަޢާރަފް ކުރެވިފައިވާއިރު، މި ޕެކޭޖްތަކުގެ ދަށުން ސްކޫލްތަކަށް ހިލޭ އިންޓަރނެޓް ކަނެކްޓިވިޓީ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.