ކުޅިވަރު

އޮލިމްޕިކްސްގައި ދިވެހި ހެދުމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެ


ރިއޯ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި  ދިވެހި އެތްލީޓުން ލައިގެން ތިބި ދިވެހި ލިބާހަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެއެވެ. 

ބްރެޒިލްގެ ރިއޯޑިޖެނީރޯގައި އޮލިމްޕިކްސް ފެށިގެން ގޮސްފައިވަނީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ. މިފަދަ ބޮޑު މުބާރާތްތަކުގައި އެންމެ ގިނަ ބަޔަކު ބަލާހިތްވާ އެއްކަމަކީ އެތްލީޓުން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބޭނުންކުރާ ހެދުމެވެ. އެތްލީޓުން ބޭނުންކުރާ ހެދުމަކީ އެޤައުމެއްގެ ހައިބަތާއި ޘަޤާފަތު ދައްކުވައިދޭ އެއްޗެކެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެތްލީޓުން ލައިގެން ތިބީ ރާއްޖޭގައި އިހު މީހުން ލައިއުޅުނު ދިވެހި ލިބާސްއެވެ. މިމުބާރާތުގައި ވާދަކުރާ 200 އަށްވުރެ ގިނަ ޤައުމުގެ ހެދުންތަކުގެ ތެރެއިން ރާއްޖޭގެ ދިވެހި ލިބާސް ވެގެން ގޮސްފައިވަނީ އެންމެ މަޤްބޫލު ހަވަނަ ހެދުމަށެވެ. ދިވެހި އަންހެން އެތްލީޓުންނާއި ފެތުންތެރިން ތިބީ ކަސަބު ބޯވަޅުއެޅި ރަތް ލިބާސްލައި ފޭލި އަނދެ، ފައްޓަރު ބައި އަޅާފައެވެ. ފެތުންތެރިޔާ ނިޝްވާންއާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދު މި ރަސްމިއްޔާތުގައި ބައިވެރިވީ އަތްދިގު ގަމީސް ލައި ފޭލި އަނދެގެންނެވެ.

img:http://s1.psmnews.mv/images/660x400/14705639057871.jpg|އޮލިމްޕިކްސްގައި ދިވެހި އެތްލީޓުން

މިގޭމްސްގައި ދިވެހި ރާއްޖޭގެ ދިދަ އުފުލާފައިވަނީ ފެތުންތެރިޔާ އާމިނަތު ސަޖަންއެވެ. އޮލިމްޕިކް ގޭމްސްގައި އެންމެ ރިތި ހެދުމެއް އަޅާފައިވަނީ އޮސްޓްރޭލިއާގެ ކުޅުންތެރިންނެވެ. 2ވަނައަށް އެންމެ ރީތި ހެދުމެއް އަޅައިފައިވަނީ ކޭމަން އައިލެންޑްސްއެވެ. އަދި މިލިސްޓްގެ 3ވަނައިގައި އޮތީ ޑެންމާކްއެވެ. 4ވަނާގައި އެމެރިކާ އޮތްއިރު، 5ވަނާގައި އޮތީ ކުކް އައިލެންޑްސްއެވެ.

ގޭމްސްގެ ހެދުންތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒްވެފައިވަނީ ގާނާގެ ހެދުމަށެވެ. ކިއުބާ އާއި މިޞުރާއި އަދި ހޮންޑިއުރާސްގެ ހެދުމަށްވެސް ގިނަ ބައެއްގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒްވެފައިވެއެވެ.